ރައީސް ސޯލިހު މިއަދު ހަވީރު 4:30 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ހަވީރު 4:30 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، ރައީސް ސޯލިހުގެ ޕްރެސް ކޮންފަރެންސް އޮންނާނީ ރައީސް އޮފީހުގައި ކަމަށެވެ. ކޮވިޑާ ގުޅިގެން މެދުކަނޑާލާފައިވާ ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާނެ ތާރީހެއް މި ޕްރެސް ކޮންފަރެންސްގައި ރައީސް އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ، މިއަދުގެ ވަގުތެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ވާހަކަފުޅުގައި ފަތުރުވެރިކަމާބެހޭ ކަންތައްތަކަށް އަލިއަޅުއްވައިލައްވާނެ ކަމަށެވެ.
ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާފައިވަނީ މިއަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައެވެ. އެމަނިކުފާނު ވަނީ ގައުމުގެ ހާލަތާ ގުޅޭގޮތުން ހަތަރު ފަހަރަކު ގައުމާ މުހާތަބު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ