ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސް ޚިދުމަތަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

ދިރާގު ޕޭ މެދުވެރިކޮށް، ސޮލަރެލް އިންޝުއަރެންސްގެ މޮޓޯ އިންޝުއަރެންސް ޚިދުމަތްތަކަށް ފަސޭހަކަމާއި އެކު ފައިސާ ދެއްކޭނެ ނިޒާމެއް މިއަދު ދިރާގު އަދި ސޮލަރެލް އިންޝުއަރެންސް ގުޅިގެން ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ ސޮލަރެލް އިންޝުއަރެންސްގެ މޮބައިލް އެޕްލިކޭޝަން "ސޮލަރެލް މޮޓޯ ތާޑް ޕާޓީ އެޕް" މެދުވެރިކޮށް ދިރާގު ޕޭގެ ޚިދުމަތް މިހާރު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ސޮލަރެލް އިންޝުއަރެންސުން ފޯރުކޮށްދޭ ހުރިހާ މޮޓޯ އިންޝުއަރެންސްގެ ޕޮލިސީތަކަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށާ މި އެޕްލިކޭޝަން، އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑު ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.
ރާއްޖޭގައި ނިއަ ފީލްޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
ދިރާގު ޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގު ޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫއެސްއެސްޑީ މެނޫ ބޭނުންކޮށްގެން އުނދަގުލަކާ ނުލައި ރަޖިސްޓްރީކޮށްލެވޭ ޚިދުމަތެކެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ޚިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެ އެވެ. އަދި ދިރާގުގެ ވެބްސައިޓުންވެސް ވޮލެޓަށް ލާރިއެޅޭނެ އެވެ.
ދިރާގު ޕޭގައި ބޭނުން ކުރާ އެންއެފްސީއަކީ މިފަދަ ޑިޖިޓަލް ވޮލެޓް ހިދުމަތެއްގައި މިޓެކްނޮލޮޖީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ގިނަ ސްމާޓް ފޯނުތަކުގައި އެންއެފްސީ ކޭޕެބިލިޓީ އެކުލެވިގެންވީނަމަވެސް، އާދައިގެ ފޯން ނުވަތަ ބައްތި ފޯނު ފަދަ ޑިވައިސްތައްވެސް އެކަމަށް ހާއްސަ އެންއެފްސީ ސްޓިކަރއެއް ބޭނުންކޮށްގެން ދިރާގު ޕޭ ގެ ޚިދުމަތް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ