އިންސާނުންގެ މެދުގައި ބަލިމަޑުކަން އާންމުވަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް އެމެރިކާގެ ޑޮކްޓަރުން ބުނެފިއެވެ.
އެމެރިކާގައި ޑޮކްޓަރުން ނިސްބަތްވާ 11 ޖަމާއަތެއް ގުޅިގެން ހަދާފައިވާ ކޯލިޝަނުން މިއަދު ބުނެފައިވަނީ، މީހުންގެ މެދުގައި ބަލިމަޑުކަން އާންމުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވައި ނުސާފުވުމާއި، ފެން ތަޣައްޔަރުވުމާއި، ތަފާތު ބަލިބަލީގެ ވައިރަސް އުފުލާ މަދިރި ގިނަވުން ހިމެނޭ ކަމަށެވެ.
މިވާހަކަތައް އާންމުކުރި "މެޑިކަލް ސޮސައިޓީ ކޮންސޯޓިއަމް އޮން ކްލައިމެޓް އެންޑް ހެލްތު" ގްރޫޕްގައި ހިމެނޭ 11 ޖަމާއަތް، މުޅި އެމެރިކާގައި ހިމެނޭ ޑޮކްޓަރުންގެ ދެބައިކުޅަ އެއްބައި ތަމްސީލު ކުރެއެވެ.
ޑޮކްޓަރުންގެ މި ކޯލިޝަންގެ މައިގަނޑު މަސައްކަތަކީ، ޖައްވު ހޫނުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރިމަތިވަމުންދާ ނުރައްކާތަކާބެހޭ މައުލޫމާތު، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާ ހިއްސާ ކުރުމެވެ. އަދި ޖައްވު ހޫނުވެ އިންސާނުންގެ ސިއްހަތަށް ކުރިމަތިވަމުންދާ ނުރައްކާތައް ކުޑަކުރުމަށް ނުވަތަ އެފަދަ ނުރައްކާތަކުން އިންސާނުން ހިމާޔަތް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ ލަފާދިނުމެވެ.
"މެޑިކަލް ސޮސައިޓީ ކޮންސޯޓިއަމް އޮން ކްލައިމެޓް އެންޑް ހެލްތު" ގެ ޑިރެކްޓަރ ޑޮކްޓަރ މޯނާ ސަރްފަޓީ ވިދާޅުވީ، އެމެރިކާގެ ރައްޔިތުންގެ މެދުގައި ބަލިމަޑުކަން އިތުރުވަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް އެމެރިކާގެ ހުރިހާ ހިސާބެއްގައި އުޅޭ ޑޮކްޓަރުންވެސް ގަބޫލު ކުރައްވާ ކަމަށެވެ.
"އެންމެ ނުރައްކާތެރި ކަމަކީ މިކަމުގެ ގެއްލުން އެންމެ ބޮޑުވަނީ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދިގުދެމިގެންދާ ބަލިތަކުގެ އަދި ކަޅުނަސްލުގެ މީހުން ދިރިއުޅޭ އަބާދީތަކުގައިކަން" މޯނާ ވިދާޅުވިއެވެ.
ބަލިމަޑުކަން އާންމުވަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން: ޑޮކްޓަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ