އަލީ ވަހީދުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި

ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވަނީ އޭސީސީން އެހީތެރިކަމަށް އެދުމުން ކަމަށެވެ. ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލާގައި ފުލުހުންގެ އެހީތެރިކަމަށް އެދިފައިވަނީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އެމައްސަލާގައި ފުލުހުންގެ އެހީތެރިކަމަށް އެދުނީ އެމައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ރިސޯސް ނެތުމުން ކަމަށެވެ.
"އެބަހުރި 1700 އެއްހާ މައްސަލަ، 30 މުވައްޒަފުން ތިބީ، އިތުރު ގަޑިއެއް ނުދެވޭ. މިނޫން އެހެން މައްސަލަތަކުގައި ވެސް އަޅުގަނޑުމެން ވާނެ އެހީތެރިކަމަށް އެދިފައި،" އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ މައްސަލަތަކާއި ބެހޭ ތަފްސީލު ހާމައެއް ނުކުރައްވައެވެ.
އޮފިޝަލު ވިދާޅުވީ ފުލުހުންގެ އެހީތެރިކަމަށް އެދުނީ އަލީ ވަހީދު އެމްޑީޕީއަށް ބަދަލުވެވަޑައިގަތް ދުވަސްވަރު ބޮޑު އަގުގައި އޭނާ ބިންތަކެއް ބައްލަވައިގަނެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ