އަފްޣާނިސްތާން ސްކޫލް ކުދިންތަކެއް ވިހަވި މައްސަލަ ބަލަނީ

ކާބުލް (ސެޕްޓެމްބަރު 9) - އަފްޣާނިސްތާނުގެ ހިރާތު ޕްރޮވިންސްގެ 600 އަށް ވުރެ ގިނަ ސްކޫލް ކުދިން ވިހަވި މައްސަަލައެއް އެ ގައުމުގެ ފުލުހުން ތަހްގީގު ކުރަން ފަށައިފި އެވެ. ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ތެރޭ ވަނީ ހިރާތުގެ އެކި ސްކޫލްތަކުން 600 އަށް ވުރެ ގިނަ އަންހެން ކުދިން ހޮސްޕިޓަލަށް ގެންދަން ޖެހިފަ އެވެ. މި ކުދިންނަށް ފަރުވާ ދޭން ޖެހިފައި ވަނީ ހޮޑުލެވޭތީ އާއި ނޭވާ ކުރުވުމާ އަދި ގައިގައި ރިއްސާތީ އެވެ. ސްކޫލް ކުދިން ބަލިވަމުންދާ ސީދާ ސަބަބެއް ނޭނގެ އެވެ. ނަމަވެސް އޮފިޝަލުން ލަފާކުރަނީ އެ ކދުިން ވިހަ ގޭހަކަށް ނޭވާލައިފައިވާ ކަަމަށެވެ. ވިހަވި އެއްވެސް ކުއްޖެެއްގެ ފުރާނަ އަށް ނުރައްކާވެފައެއް ނުވެ އެވެ. ގިނަ ކުދިން ވަނީ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު ގެއަށް ދޫކޮށްލައިފަ އެވެ. މި ކަމުގެ ފަހަތުގައި އެއްވެސް ބަޔަކު ވާ ކަމަށް ބުނެ ޒިންމާ އުފުލައިފައެއް ނުވެ އެވެ. އަފްޣާނިސްތާނުގެ އަންހެން ކުދިންގެ ސްކޫލްތަކުގައި 2012 ވަނަ އަހަރު ތާލިބާނުން ވަނީ ވިހަލައިފަ އެވެ. އަފްޣާނިސްތާނުގެ ވަރަށް ގިނަ ސްކޫލްތަކަށް ވޭތުވެދިޔަ ތަނުގައި ހަމަލާތައް އަމާޒުކޮށްފައިވެ އެވެ. ހަނގުރާމަވެރި ޖަމާއަތްތަކުން ސްކޫލްތަކަށް ހަމަލާ ދެނީ އެ ތަންތަނުން އަންހެން ކުދިންނަށް ތައުލީމް ދޭތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ