ބަސް ދަތުރުތަކާ އެކު ރައްޔިތުން ބަސް ހުއްޓިތަކުގައި

ރަށުގެ މަލަ މަތި ދުރުން ފެންނަމުން ދިޔައިރު ރަށުގެ ބޮޑުމިން މާ ދުރަށް ފާހަގަވެ އެވެ. ރަށަށް ފޭބި އިރު ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ މާލޭގައި ދުއްވާ ޒާތުގެ ދެ ބަސް ރަށުގެ ބަނދަރުމަތީ ސަރަހައްދުގައި މަޑުކޮށްލާފައި އޮތް ތަނެވެ. ބޮޑު މިނުގައި 218 ހެކްޓަރު ހުންނަ މިރަށުގައި ބަހުގެ ޚިދުމަތް ދެމުން އަންނަނީ ރަށު ކައުންސިލުން އަމިއްލަ އަށެވެ. ސަރުކާރުން މީގެ ދެ މަސް ކުރިން ދިން ދެ ބަހުގެ ބޭނުން މިރަށު ރައްޔިތުން ދަނީ ރަށަށް ފައިދާކުރަނިވި ގޮތުގައި ހިފަމުންނެވެ. ރަށަކީ ބޮޑު ރަށަކަސް ކެނދިކުޅުދޫގައި ރަޖިސްޓްރީ އަބާދީ އަކީ 1،645 މީހުންނެވެ. އެހެންކަމުން ބަހުގެ ޚިދުމަތް އަދި އެންމެ "ނަފާ" ވަނިވި ގޮަތަށް ނުދެވޭ ކަމަށް މިރަށުގެ ކައުންސިލުން ބުންޏެވެ. ރަށު ކައުންސިލުން މިރަށުގައި ދެމުން އަންނަ ބަހުގެ ހިދުމަތުގެ ބޭނުން އެންމެ ބޮޑަށް ހިފަނީ މިރަށުގެ ސްކޫލް ކުދިންނެވެ. ދެ އަވަށަށް ބަހާލާފައިވާ މިރަށުގެ ސްކޫލް ހުންނަނީ ދެ އަވަށުގެ މެދުގަ އެވެ. އެހެންކަމުން ބަހުގެ ހިދުމަތަކީ މިރަށުގެ ސްކޫލް ކުދިންނަށާއި ބެލެނިވެރިންގެ "ހަށްޓަށް" ލިބުނު ވަރަށް ބޮޑު ލުޔެކެވެ. "ކުރިން މިޖެހެނީ ރަށުގެ އަނެއް ކޮޅުގައި ހުންނަ ގެއިން ވެސް ހިނގާފަ ސްކޫލަށް ދާން. މިހާރު ބަހުގައި ދިއައިމަ ވަގުތު ސަލާމަތްވޭ. މިރަށަކީ ހޫނު ރަށެއް ކަމުން ބަހުގައި ދިޔައިމަ އެބަ ހިޔާވޭ. އަދި ކުދިންނަށް އެކަނި ބަހުގައި ފޮނުވަން ވީމަ މާ ބޮޑު ޖެހިލުމެއް ނުވޭ،" އައިމިނަތު އަލީ ބުންޏެވެ. ކައުންސިލުން ބަހުގެ ދަތުރުކުރާ މަގުތަކާއި ވަގުތުތައް ވެސް ކަނޑައަޅާފައި ވަނީ ސްކޫލް ކުދިންނަށް ފަސޭހަ ގޮތަށެވެ. އެގޮތުން ކުދިން ސްކޫލަށް ދާ ގަޑި އާއި ނިމޭ ގަޑީގެ އިތުރުން އިންޓޯލް ގަޑިއަށް ވެސް ގެޔަށް ދެވޭ ގޮތަށް ބަސް ދަތުރުތައް ވަނީ ރާވާފަ އެވެ. މިރަށު ކައުންސިލްގެ ރައީސް ހަސަން ޒައީމް ވިދާޅުވީ ރަށުގައި ބަހުގެ ހިދުމަތް އަދި ދެމުން އަންނަނީ "ހިދުމަތެއްގެ" ގޮތުގައި ކަމަށެވެ. އަދި މިއީ ރަށުގެ ސްކޫލް ކުދިންނަށް ލިބުނު ލުއިފަސޭހެއް ކަމަށް ވެސް ޒައީމު ވިދާޅުވި އެވެ. "ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް މި ދެނީ އެޑިއުކޭޝަން މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން. އަދި ހަމައެކަނި ބޮޑަށް އަމާޒުކުރެވިފައި މި ވަނީ އެ ކުދިންނަށް. އެކަމަކު އެދިއްޖެ ނަމަ އާންމުކޮށް ވެސް އަޅުގަނޑުމެން އެބަ އެހެން ގަޑިތަކުގައި ބަސް ބާއްވަން. އަދި މުސްތަގުބަލުގައި ބަސް ދަތުރުތަކުގެ ޑިމާންޑް ބޮޑުވެ، ފުޅާ ކުރަންޖެހިއްޖެ ނަމަ ބަޔަކާ ހަވާލުކޮށްގެން ބަހުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް ވެސް މިރަށުގެ ކައުންސިލުން އޮތީ ތައްޔާރަށް،" ޒައީމު ވިދާޅުވި އެވެ. މިރަށުގައި ބަހުގައި ދަތުރުކުރުމަށް ސްކޫލް ކުދިންނަށް ސީޒަން ޓިކެޓެއް ވިއްކަނީ މަހަކު 100ރ. އަށެވެ. އަދި ވަކި ޓިކެޓެއް ނަމަ ސްކޫލް ކުދިންނަށް ކޮޅަކަށް ޓިކެއްޓެއް ވިއްކަނީ ތިން ރުފިޔާ އަށެވެ. އަދި އާންމު ފަރާތްތަކަށް 10 މީހުންނަށް ވުރެ މަދުވެއްޖެ ނަމަ ނަގަނީ 50ރ އެވެ. އަދި 10 މީހުންނަށް ވުރެ ގިނައިން ދަތުރުކުރާ ނަމަ މީހެއްގެ އަތުން ނަގަނީ ފަސް ރުފިޔާ އެވެ. އާންމުކޮށް މަހެއްގެ މައްޗަށް މިރަށުގައި ބަސް ދުއްވައިގެން ޖެހެނީ ގާތްގަނޑަކަށް 12،000 ރުފިޔާ އެވެ. ރަށު ކައުންސިލުން ބުނީ ބަސް ޑްރައިވަރުންގެ މުސާރަޔާއި ބަހުގެ މެއިންޓެނަންސްގެ ކަންތައްތައް ކުރުމަށް ފަހު ބަހުގެ ހަރަދު "ޗަލާ" ކަމަށެވެ. ނަމަވެސް އަދި މާ ބޮޑު ނަފާއެއް މިކަމުން ނުލިބޭ ކަމަށް ކައުންސިލުން ބުންޏެވެ. މިއީ ބޮޑު ރަށެއް ކަމުން ބަހުގެ ޑިމާންޑް ދަނީ ބޮޑުވަމުންނެވެ. ބަސް ހުއްޓިތައް ކައިރިޔަށް ބަސް މަޑުކުރުމާ އެކު ބަހަށް މީހުން އަރާއިރު އަނެއް ބަޔަކު އަބަދުވެސް ބަހަށް އެރުމަށް ތައްޔާރަށް ތިބެ އެވެ. އަދި ހުސް ބަހެއް މަގު މަތިން ފެންނަނީ ވަރަށް މަދު ފަހަރަކު އެވެ. މިއީ ބަސް ދަތުރުތަކަށް މުސްތަގުބަލު އޮތް ކަން އަންގައިދޭ ރަނގަޅު ފާލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ