ގާސިމް ދުވާފަރަށް ވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުފުޅެއްގައި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރ. އަތޮޅު ދުވާފަރަށް ވަޑައިގެންފި އެވެ.
މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ގާސިމްއާއި އެމަނިކުފާނުގެ ޓީމް ދުވާފަރަށް ވަޑައިގަތުމުން އެރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ބާތިލްކުރެވުނު ރިޔާސީ އިންތިހާބުގައިވެސް ގާސިމަށް ބޮޑު ތާއީދެއް ލިބިވަޑައިގަތް ދުވާފަރަށް އެމަނިކުފާނު މިއަދު ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ގާސިމް އިބްރާހިމް ދުވާފަރަށް ކުރައްވާ މިދަތުރުފުޅުގައި މިރޭ ދުވާފަރު ސުކޫލްގައި ބާއްވާ ހާއްސަ ޑިނަ ނައިޓެއްގައި ބައިވެރިވެވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެ އެވެ.
މި ބައްދަލްވުމުގައި ގާސިމް އިބްރާހިމްގެ ރިޔާސީ ތަސައްވުރު ހިއްސާކޮށް، ރައްޔިތުންގެ ޝުއޫރު ޖުމްހޫރީ ގުޅުމުގެ އިސްވެރިން އަޑުއައްސަވާނެ ކަމަށާ، އަދި ވަކިވަކިން ގާސިމް ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށް ޖުމްހޫރީ ގުޅުމުން ބުނެ އެވެ.
ދުވާފަރަށް ގާސިމް ކުރައްވާ މިދަތުރުފުޅުގައި އަރިހުގައި އެމަނިކުފާނުގެ ރަނިންމޭޓް ޑރ ހަސަން ސައީދާއި، ކުރީގެ ވަޒީރު އިލިޔާސް އިބްރާހިމާއި، ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އިލްހާމް އަހްމަދާއި، ޖުމްހޫރީ ގުޅުމުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ދުވާފަރުގެ އިތުރުން ހދ ގެ ރަށްތަކުގައިވެސް ޖުމްހޫރީ ގުޅުމުން ގެންދަނީ ކެމްޕޭންގެ ހަރަކާތްތަކެއް ކުރިއަށް ގެންދަމުން ނެވެ. އެގޮތުން ރޭ ހދ ހަނިމާދޫގައި ޖުމްހޫރީ ގުޅުމުގެ ހާއްސަ ޖަލްސާއެއް ވަނީ ބާއްވާފަ އެވެ.
އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲއާއި، މަދަނީ އިއްތިހާދުގެ ނާއިބް ރައީސް އަބުދުﷲ މުހައްމަދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދިޔަ މި ޖަލްސާގެ އިތުރުން، އެރަށުގައި މިއަދު ޑޯޓްޑޯ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޖުމްހޫރީ ގުޅުމުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ބާރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށާ، މިފަހަރުގެ އިންތިހާބުން ޖުމްހޫރީ ގުޅުމުން ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ