ޑރ. ޖަމީލާއި ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ގޮވާލި މުޒާހަރާ ނުވަ ގަޑިއިރަށް ފަހު ރޫޅާލައިފި

ސާބިތު ނުހިފޭ ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކޮށްފައިވާ ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް، ގާޒީ އަށް ވީނުވީ ނޭނގިގެން އިއްޔެ ހަވީރުން ފެށިގެން ނުވަ ގަޑިއިރު ވަންދެން މާލޭގައި މުޒާހަރާކޮށްފި އެވެ. އަންގާރަދުވަހުގެ ރޭގެ މުޒާހަރާ އަށް ފަހު ސިފައިންނާއި ފުލުހުންގެ އިތުރުން މުޒާހަރާގެ ބައިވެރިން ވެސް ރޭ ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެނެވެ. އޭގެތެރެއިން އެންމެ ބޮޑަށް ތައްޔާރުވެފައި ވަނީ ސިފައިންނެވެ. ސިފައިން ވަނީ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ މުލިއާގެ އާއި ހޯމް މިނިސްޓަރު ހަސަން އަފީފުގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހުގެ ގެކޮޅު ކައިރީގައި ކުރިން ފެށިގެން ފޯރި މަރައިފަ އެވެ. އިދިކޮޅު ޕާޓީތަކުން މުޒާހަރާ ފެށީ 30: 4 ހާއިރު މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރިމަތީގަ އެވެ. ނަމަވެސް މުޒާހަރާއިގެ ބައިވެރިން ވަނީ ފަހުން ޖުމްހޫރީ މައިދާން ތެރެއަށް ވަދެ މައިދާނުގައި އިށީނދެފަ އެވެ. ޖޫމްހޫރީ މައިދާނަކީ އެއްވެ އުޅުން މަނާ ސަރަހައްދެއް ކަމަށް ގޮވައި ފުލުހުންނާއި ސިފައިންގެ ސަފުތައް ކުރިއަށް ޖައްސަމުން ގޮސް އާއްމުންނާ ހަމައަށް ޖެއްސުމުން ޝީލްޑްތަކުގައި އާއްމުން ވަނީ ތަޅައިގެންފަ އެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ފެންފުޅި އާއި ގާ ވެސް އުކައިފަ އެވެ. ފުލުހުން މުޒާހަރާކުރާ މީހުން ޖުމްހޫރީ މައިދާނުން ބޭރުކޮށް ޗާނދަނީ މަގަށް ޖައްސައި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑްކުއާޓާޒާއި ސިފައިންގެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ބަންދުކުރީ ގާތްގަނޑަކަށް ހަވީރު ހައެއް ޖެހިއިރު އެވެ. މީހުން ނެރުން އިރު ބުރުމަތީގައި އިށީނދެގެން އިން އަންހެނަކު ދަމާ ގެންގޮސް ދުރަށް ޖައްސައި މުޒާހަރާއިގެ ބައިވެރިންގެ ތެރެއަށް ފުލުހުން ކޮށްޕާލާފައިވެ އެވެ. އަދި އެއަށް ފަހު ސިފައިން ވަނީ ފުލުހުންނާ އެ ސަރަހައްދު ހަވާލުކޮށްފަ އެވެ. މުޒާހަރާކުރާ މީހުން ޗާންދަނީ މަގަށް ޖެއްސުމުން ބައިވެރިން ވަނީ މަގު ބަންދުކުރަން ފުލުހުން ބަހައްޓާފައި ހުރި ރޯޑް ބްލޮކްތައް މޫދަށް އުކާލައިފަ އެވެ. އަދި އާދައިގެ ހެދުމުގައި ހުރި ފުލުހުންގެ ކެމެރާމަނަކަށް ހަމަލާދީ އޭނާގެ ގަމީސް ވެސް ވަނީ މުޒާހަރާގެ ބައިވެރިން ވިދާލައިފަ އެވެ. ފަޅުތެރޭގައި ހުރި ރޯޑް ބްލޮކްތައް ނަގަން ދޯނިތަކަށް ފުލުހުން އަރަން އުޅުމުން ދޯނިތަކުން ވަނީ އެކަމަށް ދެކޮޅު ވެސް ހަދައިފަ އެވެ. ނަމަވެސް އެއްގަމުގައި ތިބެ ހުރިހާ މަގު ބްލޮކްތައް ނަގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން އެމްއެމްއެމްއޭ އާ ހިސާބަށް ޖައްސާފަ އެވެ. ފުލުހުންނާއި އާއްމުންނާ ދެމެދު އެ ވަގުތު ހިނގި ހަމަނުޖެހުމުގައި އެކަކު ހައްޔަރު ކުރި އެވެ. އަދި ފިހާރަތަކުން ލުނބޯ ކަހަލަ އެއްޗެހި ފުލުހުންނާ ދިމާލަށް ވެސް މުޒާހަރާގެ ބައިވެރިން އުކި އެވެ. ހަތަރު ގަޑިއިރު ތެރޭ ގާނޫނީ ވެރިކަމެއް ގާއިމު ނުކޮށްފި ނަމަ އެއާޕޯޓަށް އަރާނެ ކަމުގެ އިންޒާރު ވެސް މުޒާހަރާގެ ބައިވެރިން ދީފައި ވެ އެވެ. މުޒާހަރާކުރާ ސަރަހައްދަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަޑައިގެން ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް ވާހަކަ ދެއްކެވުމުން ބަޔަކު އޭނާގެ ގަޔަށް އަރައިގެނެ ޓޮމާޓޯ ސޯސް ވަނީ ޖަހައިފަ އެވެ. އެމްޑީޕީ އެހެން މީހަކު ވެސް މުޒާހަރާގެ ތެރެއަށް ވަނުމުން ހަމަނުޖެހުން އުފެދުނެވެ. އަދި އެ މީހުންނަށް ހަމަލާދިން މީހަކު ބިޑި އަޅުވައިގެން ހައްޔަރުކުރި އެވެ. ބޮންޑޭ އާއި އެމްޑީޕީގެ އެކްޓިސްޓަކު ފުލުހުންގެ ސަފުގެ ފަހަތަށް ގެންގޮސް އެ ދެ މީހުންގެ މޫނުމަތީ ހުރި ޓޮމާޓޯ ސޯސްތައް ޓިޝޫއަކުން ސާފުކޮށްދީ ފުލުހުން ވަނީ އެ ދެ މީހުން އެ ސަރަހައްދުން ދުރަށް ގެންގޮސްފަ އެވެ. އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިންޒާރު ދޭން ފެށުމުން މުޒާހަރާގެ ބައިވެރިން ބުނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވާ ބައެއްގެ އަމުރަށް ތަބާވާން ނުޖެހޭނެ ކަމަށެވެ. އަދި ލޯކަލް މާރުކޭޓު ސަރަހައްދުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި ފުލުހުންގެ ސަފުގެ ތެރެއިން ނޫސްވެރިން ވެސް ނެރެ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފޮނުވާލި އެވެ. ނަމަވެސް ފަހުން މުޒާހަރާގެ ފޯރި ކުޑަވުމުން ނޫސްވެރިން ވަނީ ފުލުހުންގެ ސަފުތަކުގެ ފަހަތަށް ދިއުމަށް ހުއްދަދީފަ އެވެ. މުޒާހަރާކުރާ ސަރަހައްދުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ބައެއް މެންބަރުން ވެސް ވަނީ ހަރާކަތްތެރިވެ ވަޑައިގެންފަ އެވެ. އަބްދުﷲ ގާޒީ "ދިރިހުރިތޯ ބެލުމަށް" މާޒް ސަލީމާއި އެހެން ދެ ބޭފުޅަކު ރޭ 00: 11 ގައި ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ފުލުހުން ބަލައިގެންފި ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. މުޒާހަރާ ފޯރި ފަހުން ގަދަވީ 30: 11 ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އަނެއްކާ ވެސް މުޒާހަރާގައި ބައިވެރިވެ ވަޑައިގަތުމުންނެވެ. ނިހާން ވަޑައިގަތުމަށް ފަހު، ސަރުކާރުން ކުރާ ކަންކަމުގެ ވާހަކަ ދެއްކުން ހުއްޓާނުލާނެ ކަމަށާއި ރައީސް އާއި ހޯމް މިނިސްޓަރުގެ އިސްތިއުފާ އަށް ވަނީ ގޮވާލައްވައިފަ އެވެ. އަދި "އަދިވެސް ކިޔާނަން" ކަމަށް ގޮވާލައި ނިހާން ވަޑައިގަތުމުން މުޒާހަރައިގެ ބައިވެރިން ވަނީ ހޯމް މިނިސްޓަރު އަފީފާއި ޕޮލިސް ކަމިޝަނަރު އަފީފުގެ ގޭ ކައިރި އަށް ގޮސް އެކި ފަހަރު މަތިން އަޑުގަދަ ކޮށްފަ އެވެ. އަދި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރުގެ ދިރިއުޅުއްވާގޭ ކައިރިއަށް ގޮސް، މުޒާހަރާގެ ބައިވެރިން އަޑުގަކޮށް އިސްތިއުފާ އަށް ގޮވާފައިވެ އެވެ. މުޒާހަރާގެ ބައިވެރިން މަގުތަކުން ދިޔައިރު ވަނީ މަގުމަތީގައި ޖަހާފައި ހުރި ފެންފޯއް ރުއްތައް އުފުރަލައިފަ އެވެ. ފުލުހުން މުޒާހަރާ ރޫޅާލާފައި ވަގުތީ ލޯކަލް މާރުކޭޓް ސަރަހައްދުން ގާތްގަނޑަކަށް 06: 1 ހާއިރު މުޒާހަރާކުރާ މީހުން ދެކޮޅުން ބައްދާލުމަށް ފަހު މުގުރު ހިފާ ފަހާ ދުވެގެންނެވެ. އަދި މުޒާހަރާ ރޫޅާލިއިރު އެ މީހުންނާ ދިމާލަށް ކަރުނަ ގޭސް ވެސް ޖަހާފައި ވެ އެވެ. ފުލުހުން ބުނީ ރޭގެ މުޒާހަރާގައި 30 މީހަކު ހައްޔަކުރި ކަމަށެވެ. ނަމަވެސް މިހާރު އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށާއި ރޭގެ މުޒާހަރާގައި ފުލުހުންނަށް ބައެއް މީހުން ކުދި އަނިޔާތައް ވެފައިވާ ކަމަށެވެ. މިރޭ ވެސް މުޒާހަރާ ބާއްވާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ