މެމްބަރު އާޒިމަށް ހުކުމްކުރުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ދައުވާގެ ހުކުމް ކުރުން ކްރިމިނަލް ކޯޓުން އެހެން ދުވަހަކަށް މިއަދު ފަސްކޮށްފި އެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އާޒިމްގެ މައްޗަށް ދައުވާކުރަނީ މިދިޔަ ފެބްރުއަރީ މަހު އެމްޑީޕީން ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފަހު އެ ސަރަހައްދު ދޫކޮށް ދާން ފުލުހުން އެންގުމުން ފުލުހުންގެ އެންގުމަށް އަމަލު ނުކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި އާޒިމްގެ މައްޗަށް ކުރާ، ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާގެ އަޑުއެހުންތައް ނިންމައި ހުކުމް އިއްވަން ތާވަލްކޮށްފައި އޮތީ މިއަދު އެވެ. އެކަމަކު އެ ޝަރީއަތް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. މި ދައުވާ އާޒިމްގެ މައްޗަށް ސާބިތުވިޔަސް އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަކަށް ނުބެލެވެ އެވެ. ގާނޫނު އަސާސީ ބުނާ ގޮތުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްގެންނެވެ. އާޒިމްގެ މައްޗަށް ދައުވާ ސާބިތުވިޔަސް އެންމެ ބޮޑު ހުކުމަކަށް ވެސް އަންނާނީ ހަ މަހަށް ޖަލަށް ލުމެވެ. މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ކުށް ސާބިތުވެ، އާޒިމްގެ މައްޗަށް ޖަލު ހުކުމެއް އަތުވެއްޖެ ނަމަ އެ ހުކުމް ތަންފީޒު ކުރާ މުއްދަތުގައި މަޖިލީހަކަށް ވަޑައެއް ނުގެންނެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ