ނައިބު ރައީސް ކަމަށް އަދީބު ނުގެންނަން ރައީސް ޔާމީނަށް އެސްއެމްއެސް ފޮނުވި ކަމަށް ބުނާ ވާހަކަ މައުމޫން ދޮގުކުރައްވައިފި
ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވަކިކުރުމަށް ފަހު އެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ހަމަޖެއްސެވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އަބްދުﷲ ޔާމީނަށް ދެންނެވި ކަމަށް ބުނާ ވާހަކަ މައުމޫން މިއަދު ދޮގުކުރައްވައިފި އެވެ. ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން މިހާރު އޮމާނަށް ވަޑައިގެން ހުންނެވި މައުމޫނަށް، "ހަވީރު"ން ފޮނުވި އެސްއެމްއެސްއެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ، ނައިބު ރައީސް ކަމަށް އަދީބު ނުގެނައުމަށް އެދިވަޑައިގެން ރައީސް ޔާމީނަށް ދެންނެވި ކަމަށް ބުނާ ވާހަކަ އަކީ "ހަގީގަތެއް ނޫން" ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. ޕީޕީއެމްގެ ޕާލިމެންޓްރީގެ ގްރޫޕުގެ އިސް މަގާމެއްގައި ހުންނެވި މެމްބަރަކު މިއަދު "ހަވީރަ"ށް ކަށަވަރު ކޮށްދެއްވި ގޮތުގައި، ނައިބު ރައީސް ކަމަށް އަދީބު ނުގެންނެވުމަށް ރައީސް ޔާމީންގެ އަރިހުގައި މައުމޫން ދެންނެވީ، އިއްޔެ ފޮނުއްވި އެސްއެމްއެސްއެއްގަ އެވެ. އެ މެސެޖުގައި މައުމޫން ވިދާޅުވެފައިވަނީ، އެ މެމްބަރު ވިދާޅުވި ގޮތުގައި، އެފަދަ މުހިއްމު މަގާމަކަށް އަދީބު ހަަމަޖެއްސުވުމުން ޕީޕީއެމްއާ މެދު އާއްމުން ދެކޭ ގޮތް ރަނގަޅު ނުވާނެ ކަމަށެވެ. އެކަމުގެ "މާ ބޮޑު ސަބަބެއް އެ މެސެޖުގައި ރައީސް މައުމޫން ދައްކަވާފައި ނެތް" ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ. މައުމޫން ކުރިން ވިދާޅުވެފައި ވަނީ ނައިބު ރައީސް ކަމަށް ވަކި ބޭފުޅަކު ގެންނަން އެމަނިކުފާނު ބާރު އަޅުއްވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ނައިބު ރައީސްކަމުގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރެކެވެ. ނައިބު ރައީސް ކަމަށް އަދީބު ގެންނަން ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ބޭނުންވި ނަމަވެސް، އަދީބަށް އެ މަގާމު ދެއްވާނެ ކަމުގެ އިޝާރާތެއް ރައީސް ޔާމީން އަދި ނުދެއްވާ ކަމަށް "ހަވީރަ"ށް އެނގިފައިވެ އެވެ. އެހެން ނަމަވެސް އަދީބާއި އޭނާގެ ސަޕޯޓަރުން ގެންދަނީ ނައިބު ރައީސް ކަމަށް އޭނާ އައްޔަން ކުރަން ތާއީދުކުރާ ކަމަށް ބުނެ ކެމްޕެއިން ކުރަަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ