ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާއި ގުޅިގެން އޭނާ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅި މައްސަލަވެސް ކޯޓުން ބޭރުކޮށްލައިފިއެވެ.
މިމައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލީ މިއަދު 10 ޖެހިއިރު ކޯޓުގައި ޝެޑިއުލްކޮށްފައި އޮތް މައްސަލައަށް ޝަރީފްގެ ފަރާތުން ބޭފުޅަކު ކޯޓަށް ވަޑައިނުގަތުމުން ކަމަށް ސިވިލް ކޯޓުން ބުނެއެވެ. ނަމަވެސް ޝަރީފްގެ މައްސަލައިގައި ވަކާލާތު ކުރައްވާ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދުގެ ލޯފާމް، ސުއޫދު އެންޑް އަންވަރު ކޯއިން ބުނީ މިއަދަށް މައްސަލަ ތާވަލްކޮށްފައި އޮތް ކަން އެނގިފައި ނުވާ ކަމަށާއި، މައްސަލަ ބޭރުކޮށްފައިވާނަމަ މިއަދު އެމައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޝަރީފް އޭނާ ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރުވެސް އެމައްސަލަ ބޭރުކުރީ މައްސަލައިގެ އަޑުއެހުން ތާވަލްކުރި ދުވަހު ޝަރީފްގެ ފަރާތުން އެއްވެސް ބޭފުޅަކު ކޯޓަށް ވަޑައިނުގަތުމުންނެވެ.
ޝަރީފް ސަސްޕެންޑް ކުރި މައްސަލަ އޭނާ ދެ ފަހަރަށް ކޯޓަށް ހުށަހެޅުމުންވެސް ކޯޓުން ވަނީ ޝަރީފްގެ މައްޗަށް އިތުރު ފިޔަވަޅެއް ނޭޅުމަށް އަންގާ ޖޭއެސްސީގެ މައްޗަށް ކޯޓް އަމުރެއް ނެރެފައެވެ.
މިދިއަ މަހުގެ 29 ވަނަ ދުވަހު ޝަރީފު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރައްވާފައި ވަނީ ޖޭއެސްސީގެ މެންބަރުންގެ ބައްދަލުވުމެއްގައި ތިން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ޖޭއެސްސީ އިން ޝަރީފް ސަސްޕެންޑް ކުރީ ހައިކޯޓުގެ ހަތް ފަނޑިޔާރަކު ސޮއިކުރައްވާ އޭނާއާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ބެލުމަށްފަހު އެމައްސަލަ ވަކިގޮތަކަށް ނިމެންދެންނެވެ.
ކޮމިޝަނުގެ އެ ނިންމުމުމަކީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގައި ފަނޑިޔާރުން ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ލިބޭ ބާރުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ފޯމަލިޓީސް ފުރިހަމަ ކޮށްގެން އަޅާފައިވާ ފިޔަވަޅެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ޝަރީފް ސަސްޕެންޑްކޮށްފައިވާތީ ހައި ކޯޓް ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމަށެވެ.
ޖޭއެސްސީން ޝަރީފް ސަސްޕެންޑްކުރީ އޭނާ އިންނަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައެއް ބަލަމުންދަނިކޮށް ކަމަށްވާތީ ޝަރީފްގެ ސަސްޕެންޝަނާއި ގުޅިގެން ޖޭއެސްސީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ޝަރީފްގެ މައްސަލަ ދެވަނަ ފަހަރަށް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ