އެންމެ ހެޔޮ ކަން ބޮޑީ ތަގުވާގެ ފޭރާން: ރައީސް މައުމޫން

އެންމެ ހެޔޮ ކަން ބޮޑު ފޭރާމަކީ ތަގުވާގެ ފޭރާން ކަމަށް ކުރީގެ ރައީސް އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ފައުންޑޭޝަނުން ބާއްވާ އިހްޔާ ޕްރޮޖްރާމްގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ ކީރިތި ގުރުއާނުން މިސާލު ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އިންސާނުންގެ އައުރަ ނިވާކުރަނިވި ހެދުމާއި ޒީނަތްތެރި ފޭރާން މާތް ﷲ އިންސާނުންނަށް ދެއްވާފައި ކަމަށާއި ހަމައެފަދައިން އިންސާނުންގައި ހުންނަ އުނި ސިފަތަކާއި އަހުލާގީ އައިބުތައް ނިވާކުރަނިވި ވަރަށް މުހިންމު ފޭރާމެއް ވެސް މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ކަމަށާއި އެ ފޭރާމަކީ ތަގުވާވެރިކަމުގެ ފޭރާން ކަށެވެ.
މައުމޫން ވިދާޅުވީ މީހެއްގެ ތަޤްވާވެރިކަން ދައްކައިދޭ ކަންތައްތަކެއްވާ ކަމަށާއި އޭގެތެރޭގައި މީހާގެ ހިތް ތިރިކަމާއި، ރުޅި މަޑުކަމާއި، އޯގާވެރި ކަމާއި، އެހެންމީހުންނަށް ކަމޭހިތުން ހިމެނޭ ކަމަށާއި އެފަދަ މާތް ސިފަތައް ހުރި ކޮންމެ މީހަކީ ތަގުވާވެރިކަމުގެ ރީތި ފޭރާމުން ޒީނަތްތެރި ވެފައިވާ މީހެއް ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ތަގުވާވެރިކަމުގެ ބައެއް މިސާލުތައް ދެއްކެވި އެވެ.
މައުމޫން ފައުންޑޭޝަނުން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތިން ވަނަ ޖަލްސާ އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ