އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(ގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ ދައުރު އަންނަ މަހު ހަމަވާތީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. ރައީސް އޮފީހުން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ 3:00 އާ ހަމައަށް ކަމަށެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމަށް ވުމާއި ދިވެއްސަކު ކަމަށް ވުމުގެ އިތުރުން އުމުރުން 25 އަހަރު ވާންޖެހެ އެވެ. އަދި ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި މަގާމުގެ ނުފޫޒު ބޭނުން ކުރުން ނުވަތަ މަކަރާއި ހީލަތް ހެދުން ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ ޝަރުތުތަކުގައިވެ އެވެ. މީގެ އިތުރުން ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް ތަންފީޒު ކުރާ މީހަކު ކަމަށް ނުވުމާއި އެފަދަ ހުކުމެއް އައިސްފައިވާ ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފް ލިބުނުތާ ފަސް އަހަރުވެފައިވާން ޖެހޭނެ ކަމަށް ވެސް އެ މަގާމުގެ ޝަރުތުތަކުގައިވެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއި އިންތިޚާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ ޝަރުތުތަކުގައިވެ އެވެ. ސަރުކާރުގެ އެހެން ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ މަގާމުގެ ޝަރުތުތަކުގައިވެ އެވެ. އޭސީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒް ރަޝީދާއި އަބްދުﷲ ހިލްމީ އާއި ހަދީޖާ ރަޝީދުގެ އިތުރުން މުހައްމަދު ޝަފީއު އެވެ. އެ ބޭފުޅުންގެ ދައުރު ހަމަވާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ