ފައިނުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެ، ޙައްލެއް ބޭނުންވެފައި

ޚާއްޞަކޮށް މިރަމަޟާން މަހުގެ އެކި ގަޑިތަކުގައި ކަރަންޓް ކެނޑޭމިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން، ބައެއް ދުވަސްދުވަހު މެންދުރުގެ ވަގުތުތަކުގައި އެކި ސަރަޙައްދުތަކުން ކަރަންޓް ކަނޑާލަން ޖެހޭކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ރޭވެސް ދެ ވަގުތެއްގައި ކަރަންޓް ކެނޑުނެވެ.ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑިގެން ދިޔުމަކީ، އާންމު ރައްޔިތުންނަށް އެކިކަހަލަ ދަތިތައް ކުރިމަތިވަމުންދާ ކަމަކެވެ. ޚާއްޞަކޮށް ކަރަންޓް ބޭނުންކުރާ އަގު ބޮޑު މުދާ ހަލާކުވުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ. އަދި މިކަމުގެ ޝަކުވާ އާންމު ރައްޔިތުންދަނީ ކުރަމުންނެވެ. ފައިނުގެ ކަރަންޓްގެ ޙާލަތާއި ގުޅޭގޮތުން، ފެނަކަ ފައިނު ބްރާންޗް ހިންގުމާއި ޙަވާލުވެ ހުންނެވި އ. މެނޭޖަރ އަޙުމަދު ރިޝްފާން އާއި ވާހަކަ ދައްކާލުމުން ވިދާޅުވީ، ރަށުގައި ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަން އިތުރު ވެފައިވާތީ، ބައެއް ވަގުތުތަކުގައި ލޯޑް ބޮޑުވެ ކަރަންޓް ކެނޑޭގޮތް ދިމާވާކަމަށެވެ. އަދި ޚާއްޞަކޮށް މިދުވަސްވަރަކީ ގިނަ ބަޔަކު ގޭގައި މަޑުކޮށްގެން ތިބޭ ދުވަސްވަރަކަށްވުމުން ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާތީ މިހާރު ބޭނުން ކުރެވޭ ހާލަތުގައި ހުރި އިންޖީނުތަކުން ނުހިފާއްޓަނީ ކަމަށެވެ. މީގެ އިތުރުން، ރަށުގެ ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ބޭނުން ކުރަނީ އެންމެ ކުރިން ކަރަންޓް ދިނުމަށް އަޅާފައިވާ ކޭބަލްތައް ކަމަށްވާތީވެސް އިތުރު މައްސަލަތައް ދިމާވެ އެކި ސަރަޙައްދުތަކުން ކަރަންޓް ކެނޑޭގޮތް ދިމާވާކަމަށްވެސް ވިދާޅުވިއެވެ. ރިޝްފާން އިތުރަށް ވިދާޅުވީ، އުންމީދުކުރަނީ މިހާރު ޢިމާރާތް ކުރަމުންދާ އައު އިންޖީނުގޭގެ މަސައްކަތް ނިމުމުން މިކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ