ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަހްމަދު އަދީބް 15 ދުވަސްވަންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.
ދޫނިދޫ ގައި ޤާއިމްކުރެވިފައިވާ އޯޑިއޯ ވީޑިއޯ ލިންކް މެދުވެރިކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި ކްރިމިނަލް ކޯޓުން ނައިބު ރައީސް އަދީބު ބަންދު ކުރުމަށް ކުރި އަމުރަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ކަނޑައެޅީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރަކީ ފަނޑިޔާރު އަބްދުﷲ ދީދީއެވެ. ފަނޑިޔާރު ދީދީ އާއި އެކު ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުއްރަޢޫފް އިބްރާހިމް އާއި ފަނޑިޔާރު އަލީ ސަމީރެވެ.
ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފުކޮށް، ނައިބު ރައީސްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅުއްވާފައި ވަނީ ދެ ނުކުތާއެކެވެ. އެއީ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ މުއްދަތުގެ މަޖިލީހަކީ ކްރިމިނަލް ކޯޓު ގެ ފަ ނޑިޔާރުންގެ މަޖިލީހުން އެކުލަވާލާފައިވާ އުޞޫލުގެ ދަށުން އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދެވުނު މަޖިލީހަކަށްވާއިރު، އެމަޖިލީސް ކުރިއަށް ގޮސްފައިވަނީ އެއުޞޫލާއި އަދި ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ޙައްޤު ގެއްލިގެންދާނެ ފަދަ ގޮތަކަށް ކަމަށާއި، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާތެރިކަން ހުރި މީހެއްކަމަށް ކަނޑައަޅުއްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ހުށަހެޅި ކަންތައްތަކަށް ބަލާއިރު، ވާޤިޢީ އަސާސެއްނެތިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހައި ކޯޓުން މައްސަލަ ބެލުމަށްފަހު ކުރި ހުކުމްގައި ވަނީ މައްސަލައިގެ ބާވަތަށާއި ހާލަތަށާއި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކޮށް ބެލުމަށްފަހު، އޯޑިއޯ ވީޑިއޯ ލިންކް މެދުވެރިކޮށް ޝަރީޢަތް ހިންގުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރަމުން އައިސްފައިވާ އުޞޫލެއްކަމާއި، އަދި މިއީ ކުރިއަރާފައިވާ ދިމިގްރާތީ މުޖްތަމަޢުތަކުގައިވެސް ބަންދުގެ މުއްދަތުގެ މަޖްލިސްތައް ހިންގަމުން ގެންދާ ގޮތެއްކަން އެނގޭކަމާއި، އަދި މިގޮތަށް ހިންގާ ޝަރީޢަތުގެ ނުވަތަ މުއްދަތުގެ މަޖްލިސްތަކަކީ އެމަޖްލިސް ހިނގާ ކޯޓުގައި ހިންގޭ މަޖިލީހެއްކަމުގައި ބެލެވޭނެކަމަށެވެ.
އަދި މިގޮތަށް މުއްދަތުގެ މަޖްލިސް ގެންދިއުމަކީ ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާ "އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާއި މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތު ގެ އުޞޫލު" ގެ 12 ވަނަ މާއްދާގެ ދަށުން ވެސް ހުއްދަކޮށްފައިވާ ކަމެއްކަން ހައި ކޯޓުގެ ހުކުމްގައި ވެއެވެ.
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަންދުގެ މުއްދަތު އިތުރުކުރުމުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރަންވާނެކަމަށް އޮތް އޮތުމަކީ، އެމީހާ ފަނޑިޔާރު ކުރިމައްޗަށް ފިޒިކަލީ ޙާޟިރުކުރުން ކަމުގައި ހަމައެކަނި މާނަ ނުކުރެވޭކަމާއި، އަދި އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފަނޑިޔާރަށް ފެނުމާއި އިވުމުގެ ތެރޭގައި ބޭއްވޭ މަޖްލީހަކަށް އެމީހާ ޙާޟިރުކުރެވުމަކީ އެމާއްދާގެ ރޫހާއި މަޤްޞަދަށް ބަލާއިރު، މިހާލަތުގައި ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކުރުން ކަމުގައި މާނަކުރެވޭ ކަމަށްވެސް ހައި ކޯޓުގެ ހުކުމްގައި ވެއެވެ.
އަދި ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ނައިބު ރައީސް އަދީބު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ހުއްދަދެއްވާފައިވަނީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން އެނގެން އޮންނަ އިރު، ާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިއަސް ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލާއިރު ތުހުމަތުކުރެވޭވަރުގެ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓިދާނެ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ.
ނައިބު ރައީސަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ލިބިފައިވާ ހެއްކާއި ޤަރީނާ ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ކޯޓުން އެމަނިކުފާނު ބަންދުގައި ބަހައްޓަން އަމުރު ކުރީ ުށަހެޅި ހެކި ޤަރީނާތަކަށް ނުބައްލަވައިކަމަށް ޝަރީޢަތުން ކަ ނޑައެޅޭފަދަ އެކަށީގެންވާ ސަބަބެއް ނައިބު ރައީސްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައި ނުވާކަމަށް ހައި ކޯޓުގެ ހުކުމްގައި ވެއެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން ނައިބު ރައީސް 15 ދުވަހަށް ބަންދު ކުރުމަށް ކުރި އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ނައިބު ރައީސް ބަންދުކުރަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ