ލޯންޗްގައި ގޮއްވާލެވުނީ އިންޓެލިޖެންސް ފެއިލްވެގެނެއް ނޫން، ރޭވި މީހުންގެ މޮޅުކަމުން - އުމަރު

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލުމުގެ މަގްސަދުގައި އެމަނިކުފާނު ދަތުރުކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗްކޮޅަށް ހަމަލާ ދެވުނީ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް ފެއިލްވެގެން ނޫން ކަމަށާއި އެ ހަމަލާ ދެވިފައިވަނީ އެކަން ރޭވި މީހުންގެ މޮޅުކަމުން ކަމަށް ހޯމް މިނިސްޓަރު އަދި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯ ޗެއާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެންއައިސީއިން ބޭއްވި ދެވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ލޯންޗްކޮޅުގައި ހަމަލާ ދެވުނީ އިންޓެލިޖެންސް ފެއިލްވެގެން ނޫން ކަމަށާއި އެއީ އެކަން ރޭވި މީހުންގެ މޮޅުކަމުން ދެވުނު ހަމަލާއެއް ކަމަށެވެ. އެހެންނަމަވެސް އެ ހާދިސާ ހިނގާފައިވަނީ އިންޓަލިޖެންސް ފެއިލްވެގެންތޯ ބަލަމުންދާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ ހަތިޔާރު ހޯދި ހޯދުން އެއީ ފެއިލް ނުވާކަމުގެ ނިޝާނެކޭ، ދިވެހި ފުލުހުންނާއި ދިވެހި އަސްކަރިއްޔާގެ އިންޓެލިޖެންސް އަކީ ވަރަށް ވަރުގަދަ ބައެއް, މިހާދިސާ ހިނގުމުގެ މާނައަކީ ގައުމުގެ މުއްސަސާތައް ފެއިލްވީ ކަމަކަށް ގަބޫލެއް ނުކުރަން، މުއައްސަސާތަކުގައި ހުރި ލޫޕްހޯލްތައް މިދަނީ ބަލަމުން،" އުމަރު ވިދާޅުވިއެވެ.
އިންޓެލިޖެންސް ފެއިލްވެފައި ނުވާ ކަމަށް އުމަރު ވިދާޅުވިއިރު، ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނަށް އިންޓެލިޖެންސް ރިޕޯޓް ލިބެމުން ނުދިޔަ ނަމަވެސް ނައިބު ރައީސް އަހުމަދު އަދީބު ދިޔައީ އެ މައުލޫމާތުތައް ނަންގަވަމުން ކަމަށެވެ. އަދި ޖުލައި މަހުން ރައީސް ޔާމީނަށް އިންޓެލިޖެންސް ރިޕޯޓް ލިބިފައިނުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ.ހިބަޅިދޫ އިން ފެނުނު ހަތިޔާރުތަކުގެ ތެރެއިން ދެބަޑިއަކީ އެމްއެންޑީއެފް ބަޑިގުދަނުން ބޭރުވެފައިވާ ތަކެތިކަން ކަށަވަރު ކުރެވިއްޖެ ކަމަށް އެމްއެންޑީއެފް ވަނީ ހާމަކޮށްފައެވެ.
ރޭ ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފް ކެޕްޓަން އަލީ އިހްސާން ވިދާޅުވީ ހިބަޅިދޫ އިން ފެނުނު ތަކެތީގެ ތެރޭގައި އެމްއެންޑީއެފްގެ ބަޑިގުދަނުން ބޭރުވެފައިވާ އިތުރު އެއްޗެއް ހިމެނޭތޯ އެމްއެންޑީއެފް އިންވެންޓްރީ ޗެކް ކުރަމުންދާ ކަމަށެވެ.
އިހްސާން ވިދާޅުވީ އެމްއެންޑީއެފްގެ ބަޑިގުދަނުން ހަތިޔާރު ބޭރުވެފައިވާކަން އެނގުމާއި އެކު ފިޔަވަޅުތައް ހަރުދަނާ ކުރެވި ދެން މިފަދަ ކަމެއް ނުވާނެ ގޮތައް ކަންތައް ހަމަޖައްސަވާފައިވާ ކަމަށެވެ.
"ހަތިޔާރުތައް އާމަރީން ބޭރުވި ގޮތާއި އެކަން ކުރި މީހުން ހޯދުމުގެ މަސައްކަތް ފަށައިފިން، ދެން މިހެން ނުވާނެ ކަމުގެ ޔަގީންކަން ދެން،" އިހްސާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ