ސަމާހު މެރުމަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ޑިއުޓީއަށް ދަނިކޮށް މަރާލި ޕޮލިސް ސާޖެންޓް އަދާމް ހަލީމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހުގެ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ސަމާހުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ނިންމާ އޭނާ މެރުމަށް ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެވެ. އެގޮތުން ސަމާހު މެރުމަށް ހުކުމްކުރީ ހަތަރު ވާރިސުންގެ ތެރެއިން ހަލީމްގެ ބައްޕަ އާއި މަންމަ އާއި ހުވަފަތް ވެފައިވާ އަނބިމީހާ ވެސް ގިސާސް ހިފަން ބޭނުންވާތީ އެވެ.
އެ ހުކުމް ސަމާހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ނުވާއިރު އެއީ މަރުގެ މައްސަލައެއް ކަމުން ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފް ކުރީ ދައުލަތުންނެވެ. އެގޮތުން އެ ހުކުމް ހައިކޯޓުން ދެމެހެއްޓީ އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު ހަލީމް މަރާލި ކަމަށް ސަމާހު އިއުތިރާފުވި އެވެ. ނަމަވެސް އެއީ ފުލުހުން ބިރު ދައްކައިގެންވީ އިއުތިރާފެއް ކަމަށް ބުނެ އޭނާ އެކަމަށް ފަހުން ވަނީ އިންކާރުކޮށްފައެވެ.
ހަލީމް މަރާލާފައިިވަނީ 2013 ވަނަ އަހަރުގެ 23 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ