ސަފާރީ ރޭޕް ކޭސް: ސީން އަށް ދިޔަ ފުލުހުންނަށް އެތަނުގައި ތިބި މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ނޭނގޭ

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި މަސްތުގެ ހާލުގައި ތިބި ބަޔަކު އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާއިރު، އެވަގުތު އެ ސީން އަށް ދިޔަ ފުލުހުންނަށް އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމެއް ނޭނގޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޕޮލިސް ޗީފް ސުޕްރިޑެންޓް މުހައްމަދު ބަޝީރު ވިދާޅުވީ، މަސްތުގެ ހާލުގައި ހުންނަ މީހެއްގެ ސާމްޕަލް ނެގުމަށް އަބަދުވެސް ވިކްޓިމް ނުވަތަ އެ ސީން އަށް ހާޒިރުވާ ފުލުހަކަށް އެފަދަ ތުހުމަތެއް ކުރެވޭނަމަ ނަގާނެ ކަމަށެވެ.
އެހެން ނަމަވެސް ސަފާރީ ރޭޕް މައްސަލައިގައި ކުށުގެ ވެއްޓަށް ހާޒިރުވި ފުލުހުންނަށް އެތަނުގައި ތިބި މީހުން ތިބީ ބަނގުރާ ބޭނުން ކޮށްގެން ކަމުގެ ތުހުމަތެއް ކުރެވިފައި ނުވާ ކަމަށް ބަޝީރު ވިދާޅުވިއެވެ. އެފަދަ ތުހުމަތު ތަކެއް އެފަރާތްތަކަށް ކުރެވިފައިނުވާތީ އެ މައްސަލައިގައި ތިބި މީހުން ބަނގުރާ ބޮއެގެން ތިބި ކަމަށް ޓެސްޓް ކޮށްފައެއް ނުވެއެވެ. މިފަދަ ޓެސްޓެއް ހަދާފައިނުވާތީ އެފަރާތްތަކުގެ މައްޗަށް މިހާރު އެފަދަ ކުށެއް ކުރިކަން ސާބިތެއް ނުވާނެއެވެ.
"އެދުވަހުގެ އެ ހާލަތުގައި އެސީން އަށް ދިޔަ، އެމީހުންނާއި ބައްދަލުވި ކުދިންނަށް [ފުލުހުންނަށް] އެމީހުން މަސްތުވާތަކެތި ބޭނުން ކޮށްގެން، ބަނގުރާ ބޭނުން ކޮށްގެން ތިބި ކަމުގެ ތުހުމަތެއް ނެތޭ. އެހެން ބުނުމުގެ ސަބަބުންނޭ އޭރު ނުނެގުނީ" ބަޝީރު ވިދާޅުވިއެވެ.
އެމީހުން ބަނގުރާ ބޮއެގެން ތިބި ކަމުގެ ތުހުމަތު ކުރެވިފައި ނުވި ނަމަވެސް، މި ހާދިސާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި، އަންހެން މީހާއާއި ހަވާލާދީ ނޫހަކުން ގެނެސްދީފައި ވަނީ އެމީހުން މަސްތުގެ ހާލަތުގައި ތިބެ އޭނާ އަށް ޖިންސީ އަނިޔާ ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އަންހެން މީހާ މީގެ ކުރިން ކިޔާދީފައިވާ ވާހަކަތަކާއި ފުލުހުންނަށް ދީފައިވާ ބަޔާނާއި ދިމާނުވަތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. މިފަދަ ތުހުމަތު ތަކެއް ކޮށްފައިވަނީ، މި މައްސަލައިގައި ސަރުކާރުގެ އިސްފަރާތްތަކާއި ގުޅުންހުރި މީހުން ހިމެނޭތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ