ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ބޯޓު ޔާޑުގެ ޚިދުމަތް އަލުން އާއްމުންނަށް ހުޅުވާލައިފިއެވެ. 
އެމްޓީސީސީގެ ބޯޓު ޔާޑުން އާއްމުންނަށް ޚިދުމަތް ދިނުން ހުއްޓާލީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމުގެ ސަބަބުންނެވެ. 
އެމްޓީސީސީން ބުނީ ބޯޓު ޔާޑު އަލުން ހުޅުވާލުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިމި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އެކަށައަޅާފައިވާކަމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ތިލަފުށީ ބޯޓު ޔާޑުގެ ޚިދުމަތް އާއްމު ކަސްޓަމަރުންނަށް ހުޅުވާލާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.  
އެމްޓީސީސީގެ ބޯޓްޔާޑަކީ ރާއްޖޭގައި ޑޮކިންގް ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ. މާލެ އަތޮޅު ތިލަފުށީގައި ޤާއިމްކޮށް ހިންގަމުންދާ ބޯޓްޔާޑަކީ އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެކެވެ. 2017 ވަނަ އަހަރު ޚިދުމަތަށް ނެރެވުނު 200 ޓަނުގެ ބޯޓް އޮއިސްޓާއެކު، އެމްޓީސީސީ ބޯޓްޔާޑް ވެފައިވަނީ ޑޮކްކުރުމުގެ ކެޕޭސިޓީއާއި ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ބޯޓްޔާޑަށެވެ.
އެމްޓީސީސީން ބުނީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތު ބޮޑުވަމުން ދާއިރު، ކަނޑުގައި ދުއްވާ އުޅަނދުތައް ގެންގުޅޭ ފަރާތްތަކުން ބޭނުންވާ ޚިދުމަތްތަކާ އެއްހަމައެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް، ބޯޓު ޔާޑުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. 
އެމްޓީސީސީގެ ބޯޓު ޔާޑުން ފޯރުކޮށްދޭ ތަފާތު އިންޖިނިއަރިންގ ޚިދުމަތްތަކުގެ ތެރޭގައި ބޯޓް މޮއިސްޓް، ސްލިޕްވޭ، ބޯޓް ޓްރެއިލަރ އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑޮކްކުރުމުގެ ޚިދުމަތް ހިމެނެއެވެ. އަދި ވެލްޑިންގ، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިނިއަރިންގ، އިލެކްޓްރިކަލް މަސައްކަތް، މެޝިނިންގ، ފައިބަރުގެ މަސައްކަތް އަދި ވަޑާމުގެ މަސައްކަތްވެސް އެމްޓީސީސީގެ ބޯޓު ޔާޑުން ފޯރުކޮށްދެއެވެ. މީގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އަންޑަރވޯޓަރ ވެލްޑިންގ އާއި ކަޓިންގ ޚިދުމަތްވެސް އެމްޓީސީސީން ވަނީ ތަޢާރަފްކޮށްފައެވެ.
    
    އެމްޓީސީސީގެ ބޯޓު ޔާޑުގެ ޚިދުމަތް އަލުން އާއްމުންނަށް ހުޅުވާލަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
                     
             
             
            