ސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގެ ތެރެއިން ރާއްޖެއަށް އިތުރު ކުރިއެރުން ހޯދުން ކަމަށް ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި މިއަދު ހެނދުނު ފެށި ސަފީރުންގެ މަހާސިންތާ ތައާރަފްކުރައްވައި ޑރ. ޢާޞިމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބޭރުގެ ފަރާތްތަކަށް ހާމަކޮށްދީ އަދި ކުރިއަރުވަން މަސައްކަތްކުރުމުގެ އިތުރުން އިޤްޠިޞާދީ ގޮތުން ރާއްޖެއަށް ފައިދާ ހޯދަން މަސައްކަތްކުރުމަކީ ވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކުގެތެރެއިން އިސްކަންދޭ ކަމެއް ކަމަށެވެ.
ޑރ. ޢާޞިމް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އާއި ގުޅިގެން މިއަދު މިފަށާ މަހާސިންތާ ކުރިއަށް ގެންދިއުމުގެ އެއް ބޭނުމަކީ ރާއްޖެއަކީ އެއް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ރާއްޖޭގެ ސަފީރުންނަށް ކުރެވިދާނެ މަސައްކަތްތަކަށް މަޝްވަރާކުރުން ކަމަށެވެ. ހަމައެއާއިއެކު ސަފީރުންނަށް ހުރި ދަތިތައްވެސް ދެނަގަނެ ހައްލުހޯދޭނެ ގޮތްތައް ހޯދުން ކަމަށެވެ.
ޑރ. ޢާޞިމް ވިދާޅުވީ މިހާރު އުފައްދާފައިވާ ފޮރިން ސަވިސް އިންސްޓިޓިޔުޓް އުފެއްދުމުގެ ބޭނުމަކީ ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒިފުންގެ ޤާބިލުކަން އިތުރުކޮށް ކުރިއެރުވުން ކަމަށެވެ. އެ މުއައްސަސާގެ ސަބަބުން ޚާރިޖީ ދާއިރާއަށް ކުރިއެރުންތައް ލިބޭނެ ކަމަށެވެ.
ޑރ. ޢާޞިމް ވިދާޅުވީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން މިހާރުވެސް ގެންދަނީ މުހިންމު ދައުރެއް އަދާކުރަމުން ކަމަށާއި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު އިތުރުކުރަން ވެސް އަންނަނީ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.
ޑރ. ޢާސިމް ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމިއްޔާ އޮއެސިސްގެ ޗެއަރ ރާއްޖެއަށް ލިބިފައިވާއިރު އދގެ ހިޔުމަންރައިޓްސް ކައުންސިލުގެ ގޮނޑިއެއް 3 ވަނަ ދައުރަކަށް ހޯދަންވެސް ރާއްޖެއިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ހަމައެއާއިއެކު އދގެ ސެކިޔުރިޓީ ކައުންސިލްގެ ނަން ޕަމަނަންޓް ގޮނޑިއެއް ހޯދަންވެސް ސަރުކާރުން އަނނަނީ މަސައްކަތްކުރަމުން ކަމަށެވެ.
މިއަދުގެ މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ސިޔާސަތުތަކާއި ރާއްޖޭގައި އަމަލުކުރަމުން ގެންދާ ޤާނޫނުތައް ވެސް ބޭރުގެ ފަރާތްތަކަށް އަންގައިދިނުމަށް ސަފީރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މިއަދު ފެށި މަހާސިންތާއަކީ މިއަދާއި މާދަމާ ކުރިއަށް ގެންދަން ހަަމޖެހިފައިވާ މަހާސިންތާއެކެވެ.
ބޭނުމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގެ ތެރެއިން ރާއްޖެއަށް ކުރިއެރުން ހޯދުން: ޚާރިޖީ ވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ