އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާން ކުއްޖަކު ޝަހީދު ކޮށްލައިފި

އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާން ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.
ޒުވާން ކުއްޖަކުޝަހީދު ކޮށްލުމުގެ އިތުރުން، އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ އިތުރު ތިން ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށްވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އިސްރާއީލު ސިފައިން މިއުދުވާނު ހިންގާފައިވަނީ ފަލަސްތީނުގެ ޖިލާޒޫން ރެފިއުޖީ ކޭމްޕްގައެވެ. އިސްރާއީލު ސިފައިން ފަލަސްތީނު ޒުވާނުންތަކެއްގެ ގަޔަށް ބަޑިޖެހީ ކޮން ކަމަކާ ގުޅިގެން ކަމެއް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައެއް ނުވެއެވެ.
އެހެން ނަމަވެސް، އިސްރާއީލު ސިފައިންގެ ތަރުޖަމާނު ބުނެފައިވަނީ، ޖިލާޒޫން ރެފިއުޖީ ކޭމްޕާ ގާތުގައިވާ ބައިތު އީލް ޔަހޫދީ އާބާދީއާ ދިމާއަށް ޕެޓްރޯލް ބޮން އުކަމުންދިޔަ ބަޔަކާ ދިމާއަށް ސިފައިން ބަޑިޖެހި ކަމަށެވެ.
"އެމީހުން ދިޔައީ އާބާދީއާ ދިމާއަށް ޕެޓްރޯލް ބޮން އުކަމުން. ރައްދުގައި ސިފައިން ބަޑިޖެހި. ބަޑީގެ ވަޒަން އެމީހުންގެ ގަޔަށްވެސް އެރި" އިސްރާއީލު ސިފައިންގެ ތަރުޖަމާނު ބުނެފައި ވެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވެފައިވަނީ، އުމުރުން 18 އަހަރުގެ ޒުވާން ކުއްޖެއް ކަމަށްވާ މަހްމޫދު ޚައްތާބް ކަމަށް ފަލަސްތީނު ހެލްތު މިނިސްޓްރީގެ އޮފިޝަލުން ކަށަވަރު ކޮށްދެއްވާފައި ވެއެވެ.
2015 ވަނަ އަހަރުގެ އޮކްޓުބަރު މަހުން ފެށިގެން ފަލަސްތީނު ޒުވާނުންނާއި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިން ބަޑިޖަހައި، އެ މުއްދަތުގައި މިހާތަނަށް ފަލަސްތީނު 257 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
ފަލަސްތީނު ޒުވާނުންގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 40 މީހުން މަރާލާފައި ވެއެވެ.
އިސްރާއީލު ސިފައިން ފަލަސްތީނު ގިނަ ޒުވާން ކުދިންނާއި، އަންހެން ކުދިންނާއި ޒުވާނުންގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ އެމީހުން ތޫނު ހަތިޔާރު ހިފައިގެން ތިބިކަމަށް ބުނެއެވެ.
މީގެ އިތުރުން، ކުރިމަތިލުންތަކުގެ ތެރޭގައާއި، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ވައިގެ ހަމަލާ ދިނުމުގެ ސަބަބުންވެސް ފަލަސްތީނު އެތައްބަޔަކު ޝަހީދު ވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ