ރާއްޖެ އަށް މިހާރު އެންމެ ފައިދާ ހުރި ގޮތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ މައިދާނުން އެއްފަރާތްވުން ކަމަށް ރައީސް މުހައްމަދު ވަހީދުގެ ރަނިން މޭޓް އަހުމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ޕާޓީ ގައުމީ އިއްތިހާދާއި ޑީއާރުޕީ އާއި އަދާލަތު އަދި ގައުމީ ޕާޓީ ހިމެނޭ ކޯލިޝަންގެ "ގައުމައިގެން ކުރިއަށް" ކެމްޕޭން ފެށުމަށް ޅ. ނައިފަރުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ގައުމަށް ހަމަޖެހުމުގެ ނޭވާ އަށް ލާނެ ފުރުސަތު މައުމޫން ދެއްވަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނެ ގޮތަކީ މައުމޫން ސިޔާސީ މައިދާނުން އެއްފަރާތް ވުން ކަމަށް ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށް ވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހިން ނޫނެކޭ ބުނާނެ ކަމަށެވެ.
"ދިވެހިން ބޭނުން ވަނީ މުޅިން އާ ފަތިހަކަށް އަލިވިލެން. ސެޕްޓެމްބަރަށް ފަހު އަޅުގަނޑުމެން ރައީސް ނަޝީދުގެ ސޮފްހާ ވެސް ބަންދުކޮށްލާނެ. އަދި އަޅުގަނޑު ގަބޫލުކުރަނީ، މިގައުމަށް އެންމެ ފައިދާވާނީ ރައީސް މައުމޫން ވެސް ސިޔާސީ މަސްރަހުން ދުރަށް ވަޑައިގެން މި ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު ދެއްވުމޭ،" ތަސްމީން ވިދާޅުވި އެވެ.
ޅ. އަތޮޅުގެ އެކި ރަށްރަށުން މީހުން ބައިވެރިވި އެ ޖަލްސާގައި އޭނާ ވިދާޅުވީ ސިޔާސީ ގޮތުން އެކި ފަހަރު އެކި ވާހަކަ ދައްކާ ސިޔާސީ ލީޑަރުންނަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ. އަދި "ހިޔާލީ ބްރިޖްތައް" އަޅައިދޭން ވައުދުވެވަޑައިނުގަންނަވާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯލިޝަނުން އެންމެ ބޮޑަށް އިސްކަން ދޭނީ ފުނޑުފުނޑުވެފައިވާ ސިއްހީ ނިޒާމް ރަނގަޅުކޮށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާނެ ތަރައްގީ ގެނެސް ދިނުމަށެވެ.
"ރައީސް ވަހީދުގެ ޕްލޭނެއް އެބަ އޮތް. އެއީ ދިވެހި އިގްތިސޯދު އަދަވަޅަކުން ނަގައިދޭނެ ޕްލޭނެއް. އެއީ ސިޔާސީ ކުލައަކަށް ބެލުމެއް ނެތި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭނެ ގައުމެކޭ. އެއީ ސިޔާސީ ޒުވާބުތަކުގެ މައްޗަށް ފަންނީ އަދި އިލްމީ ރައުޔު އިސްކުރާނެ ޕްލޭނެއް،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ވަހީދުގެ ރަނިން މޭޓެއްގެ ގޮތުގައި ނިކުންނެވީ ގައުމަށް މިހާރު ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކުރެވޭނީ އެންމެން އެކުގައި ނިކުމެގެން ކަމަށް ވިސްނިވަޑައިގެން ކަމަށެވެ.
ރައީސް ވަހީދަށް ތައުރީފްކުރައްވަމުން އޭނާ ވިދާޅުވީ ރިޔާސީ ރޭހަށް ނިކުންނަވާ ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ފަދަ ގާބިލް ބޭފުޅަކު ނެތް ކަމަށެވެ. އަދި އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ބޭފުޅަކީ ރައީސް ވަހީދު ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެއަށް ފައިދާ ހުރި ގޮތަކީ މައުމޫން ސިޔާސީ ދާއިރާއިން ދުރުވުން: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ