ނުސާފު ވައި ސާފުކޮށްދޭ ބައިސްކަލެއް އުފައްދަނީ

ނުސާފު ވައި ސާފުކޮށްދޭ ބައިސްކަލެއް ތައިލެންޑްގެ އިންޖިނިއަރުން ޑިޒައިންކޮށް އެބައިސްކަލް އުފައްދާ ބާޒާރަށް ނެރުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
ވައި ނުސާފުވުމުގެ މައްސަލަ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބޮޑު ވެފައި ވާއިރު މިބައިސްކަލަކީ ވައި ނުސާފުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތައް އިންގިލާބީ ބަދަލެއް ގެންނާނެ ބައިސްކަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިބައިސްކަލް ޑިޒައިން ކޮށްފައި ވަނީ ބައިސްކަލްގެ ހުންގާނު މަތީގައި އިންނަ ފެން ޓޭންކަކާއި ފިލްޓަރެއް ބޭނުންކޮށްގެން ނުސާފުވައި ސާފުކޮށް އެއިން އޮކްސިޖަން އުފައްދާ ގޮތަށެވެ. އަދި މި ބައިސްކަލްގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނަލް އެއް ބޭނުންކޮށްގެން ހަކަތަ އުފައްދާ އެހަކަތަ ވެސް ވައި ސާފުކުރުމުގައި ބޭނުން ކުރާނެ ކަމަށް ބައިސްކަލް ޑިޒައިން ކުރި އިންޖިނިއަރުން ބުނެއެވެ.
ރެޑް ޑޮޓް ޑިޒައިން އެވޯޑްގެ ނަމުގައި 1954 ވަނަ އަހަރުން ފެށިގެން ފާހަގަކޮށްލެވޭ ޑިޒައިންތަކަށް ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑެއް މިބައިސްކަލް ވަނީ މިއަހަރު ހޯދާފައެވެ.
ބައިސްކަލްގެ ޑިޒައިން ނިމި މިހާރު ކުރިއަށް ދަނީ ބައިސްކަލް އުފައްދަން ފަންޑު ހޯދުމުގެ މަސައްކަތް ކަމަށް މީޑިއާ ރިޕީޓްތައް ބުނެއެވެ.
ބައިސްކަލް ބާޒާރަށް ނެރެވޭނެ ދުވަހެއް އަދި ޔަގީން ނުކުރެވުނު ނަމަވެސް އަވަސް މުސްތަގުބަލެއްގައި މިބައިސްކަލް ބާޒާރަށް ނެރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބައިސްކަލް ޑިޒައިންކުރި ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ