ފަލަސްތީނަށް ތާއީދުކުރާ މަހްމޫދު ޚަލީލް ދޫކޮށްލައިފި

ފަލަސްތީނުގެ ހައްގުތަކާ ގުޅޭ ގޮތުން ކޮލަމްބިއާ ޔުނިވާސިޓީގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ބައިވެރިވުމާ ގުޅިގެން މާޗް މަހުން ފެށިގެން އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީން ޖަލުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ އެކްޓިވިސްޓް މަހުމޫދު ޚަލީލް ދޫކޮށްލުމަށް އެމެރިކާގެ ފެޑެރަލް ގާޒީއަކު އަމުރުކޮށްފިއެވެ. ލޫސިއާނާގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ޚަލީލް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުކުރު ދުވަހު ނިންމީ ނިއު ޖާޒީގެ ފެޑެރަލް ކޯޓަކުންނެވެ. ޖަލުން ދޫކޮށްލި ނަމަވެސް އޭނާ ޑިޕޯޓުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ މައްސަލަ އަދިވެސް ކޯޓުގައި އެބައޮތެވެ. ކޯޓުން ދޫކޮށްލުމާއެކު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޚަލީލު ބުނީ އޭނާއަށް އިންސާފު ލިބުނު ނަމަވެސް އެކަންވީ ވަރަށް ގިނަ ދުވަސް ފަހުން ކަމަށެވެ. އެއީ ތިން މަސް ދުވަސް ނަގަންޖެހޭ ކަމެއް ނޫން ކަމަށް ޚަލީލް ބުންޏެވެ. ޚަލީލްގެ ފަރާތުން ވަކާލާތު ކުރަމުން އަންނަ އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން (އޭސީއެލްޔޫ) އިން ބުނީ ޚަލީލް އެނބުރި ނިއުޔޯކަށް ގޮސް އާއިލާއާ ބައްދަލު ކުރާނެ ކަމަށެވެ. ޚަލީލަކީ ދަރިވަރުންގެ މުޒާހަރާތަކުގައި ބައިވެރިވުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ބަންދުކޮށް ގާނޫނީ އިމިގްރޭޝަން ހައިސިއްޔަތު ބާތިލްކުރި ފުރަތަމަ އެކްޓިވިސްޓެވެ. އޭނާގެ މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނީ އޭޕްރީލް މަހު އުފަންވި އޭނާގެ ފުރަތަމަ ދަރިފުޅު ދެކިލުމުގެ ފުރުސަތުވެސް ކަމާބެހޭ ފަރާތްތަކުން ނުދިނުމުންނެވެ. "ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން އެންމެ ފަހުން ހަމަ ނޭވާއެއް ލެވިއްޖެ. އަހަންނާއި ދަރިފުޅު ދީން އާ ބައްދަލު ކުރެވޭނެ." ޚަލީލްގެ އަންހެނުން ނޫރު އަބްދުالله ނެރުނު ބަޔާނެއްގައި ބުންޏެވެ. ނޫރަކީ އެމެރިކާގެ ރައްޔިތެކެވެ. ޚަލީލްގެ މައްޗަށް އެއްވެސް ކުށެއްގެ ދައުވާއެއް އުފުލާފައެއް ނުވެއެވެ. ސަރުކާރުން ޑިޕޯޓް ކުރަން ނިންމާފައިވާ އިތުރު ބައެއް ދަރިވަރުން ދޫކޮށްލުމަށް ފެޑެރަލް ކޯޓުތަކުން އަމުރުކޮށްފައިވާއިރު، އޭގެ ތެރޭގައި ތުރުކީގެ ޓަފްޓްސް ޔުނިވާސިޓީގެ އިލްމުވެރިޔާ ރޫމޭސާ އޮޒްތުރުކް އާއި ކޮލަމްބިއާގެ މޮހްސެން މަހުދާވީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ