ތިމަރަފުށީ އެއާޕޯޓު ހެދުމަށް ފައިސާ ނެތް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރިން އެ އެއާޕޯޓުގައި ފްލައިޓް ޖައްސާނެ ކަމަށް ޕީޕީއެމް ދޫކުރައްވާ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އާއި ގުޅިވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވި ނަމަވެސް މިއަދު ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ އެއާޕޯޓު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް އިތުރަށް 58.8 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި އެ ފައިސާ އަދި ހަމަނުޖެހޭ ކަމަށެވެ.
ނަމަވެސް ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބުނެފައިވާއިރު ފްލައިޓެއް ޖައްސަން ބޭނުންވާ ރަންވޭގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ހިމެނޭއިރު ޓާމިނަލް އެޅުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގައި ކަމަށް ސިޓީގައިވެ އެވެ.
އެއާޕޯޓުގެ މަސައްކަތް ނިމެން އޮތީ ރައީސް ވަހީދުގެ ޕާޓީ އާއި ގުޅި ވަޑައިގެން ކަމަށް ބުނެ އެޕާޓީ އާއި ގުޅިވަޑައިގެންނެވި ޝަރީފް ވިދާޅުވީ އޭނާއަކީ ފައިސާއަށް ވިކިފައިވާ މީހެއް ނޫން ކަމަށާއި އޭނާގެ އެކައުންޓުގައި ނުހައްގުން ހޯދާފައިވާ ފައިސާއެއް ނުހުންނާނެ ކަމަށެވެ.
ޝަރީފް މިރޭ ޕީޕީއެމްގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް ބަހުގެ ހަމަލާތަކެއް ވަނީ ދެއްވާފައެވެ.
އޭނާ ޖީއައިޕީއަށް ބަދަލުވުމުގައި ފައިސާ ހޯއްދެވި ކަމަށް ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ޝަރީފް ވިދާޅުވީ މަހްލޫފަކީ ކުޑަ ކުއްޖެއް ކަމަށާއި ކުޑަކުދިން ދައްކާ ވާހަކައަށް ރައްދުދޭންވެއްޖެނަމަ ކުރާނެ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ.
އަދި ގައުމީ އިއްތިހާދާ ގުޅިވަޑައިގަތުމުގެ ބޭނުމުގައި، ސަރަނގު އާދަމް މަނިކާއި ޗަމްޕާ މުހަންމަދު މޫސާގެ އަތުން ފައިސާ ނެންގެވިކަން މަހުލޫފު ސާބިތުކޮށްދެއްވައިފިއްޔާ އެ ފައިސާ މަހުލޫފަށް ދެއްވާނެ ކަމަށެވެ.
ޕީޕީއެމްއަށް ފާޑު ވިދާޅުވަމުން ޝަރީފް ވިދާޅުވީ އޭނާ އާއި މެދު ޕީޕީއެމްއިން ކަންތައް ކުރި ގޮތުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.
ޝަރީފް މިރޭ ވަނީ ސަރުކާރު ކޯލިޝަންގައި ތިއްބަވާ ސިޔާސީ މަގާމުތަކުގެ ބޭފުޅުންނަށް ވެސް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
އޭނާ ވިދާޅުވީ ޖީއައިޕީ އިން ހިންގަމުންދާ ސަރުކާރެއްގައި އިސްކޮށް ތިއްބަވާ ބޭފުޅުން އެ ޕާޓީގެ ބައްދަލުވުމަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އަދި އެބޭފުޅުން އެޕާޓީ އާއި ގުޅިވަޑައިނުގެންނެވި ކަމުގައިވިޔަސް ބައްދަލުވުންތަކަށް ވަޑައިނުގަންނަވާނަމަ ފާޑު ވިދާޅުވާނެ ކަމަށެވެ.
''އަޅުގަނޑު ގުޅުމަށްފަހު އަޅުގަނޑުގެ ދުލެއް ނުހިފެހެއްޓޭނެ، އެބޭފުޅުންނަށް ފާޑު ވެސް ކިޔާނަން އަޅުގަނޑު، އަޅުގަނޑުމެން ބޭނުންވަނީ އެބޭފުޅުން ރައީސް ވަހީދަށް ތާއީދުކުރައްވާކަން އާންމުންނަށް ހާމަވަގެންދާން، އަޅުގަނޑުމެން ބޭނުންވަނީ މިކަން ޕޯޑިއަމް ކުރިމަތީގައި، ތިމަންނަ ރައީސް ވަހީދުއަށް ތާއީދު ކުރަމޭ، ގައުމީ އިއްތިހާދު ޕާޓީގެ ކޯލިޝަނަށް ތާއީދުކުރަމޭ." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ "ތިމަރަފުށީގެ ރަންގޮނޑި" އޭނާއަށް ޕީޕީއެމްގައި ހުންނަވައިގެން ކާމިޔާބު ކުރެއްވުނީމަ ފަހްރުވެވަޑައިގަންނަވާ ކަމަށާއި އެއް އިރެއްގައި އެއީ ޕީޕީއެމްއަށް މުހިންމު ގޮނޑިއެއް ނަމަވެސް މިހާރު އެއީ ޕީޕީއެމްއަށް މުހިންމު ގޮނޑިއެއް ނޫން ކަމަށެވެ.
އަދި އޭނާ ޕީޕީއެމް ދޫކުރައްވާ ޖީއައިޕީއާއި ގުޅިވަޑައިގެންނެވީ އެ ދާއިރާގެ ރައްޔިތުންނާއި މަޝްވަރާކުރައްވާފައި ކަމަށެވެ. އަދި އެ ދާއިރާއަށް ތަރައްގީ ގެނެވެން އޮތީ އެ ޕާޓީ އާއި ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ޝަރީފް ދާއިރާގެ ރައްޔިތުންނާއި ހިޔާލު ހޯއްދަވަން ކުރެއްވި ދަތުރުފުޅުގައި ގުރައިދޫއަށް ވަޑައިގެންނެވުމުން ބައްދަލުކުރެއްވުމަށްދިޔަ އެންމެން ވެސް ޕާޓީ ބަދަލުކުރަން ނުފެންނަ ކަމަށް ޝަރީފަށް ދެންނެވިކަން އެމްވީޔޫތަށް ކަށަވަރުވެފައިވެ އެވެ.
މިރޭ ޝަރީފްގެ ވާހަކައިގައިވެސް ވަނީ ގުރައިދޫއަށް އަރާވަޑައިގަތުމުގައި ދަތިތަކާއި ކުރިމަތިވިކަމަށް ވިދާޅުވެފައެވެ. އަދި އެއީ އޭނާއަށް އާ ކަންތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ގުރައިދޫއަކީ ޝަރީފްއަށް އެންމެ ގިނަ ވޯޓު ލިބުނު ރަށެވެ.
ޝަރީފް ވިދާޅުވީ އޭނާ ޕީޕީއެމްގައި ހުންނެވިއިރު ވެސް ރައީސް ވަހީދަށް ތާއީދުކުރައްވާކަން ހާމަކޮށްފައިވާނެ ކަމަށެވެ.
އަދި އަންނަ މަހުގެ އަށް ވަނަ ދުވަހު ޖީއައިޕީގެ ޕާލަމެންޓްރީ ގްރޫޕެއް ރައީސް ވަހީދަށް ދައްކަވާނެ ކަމަށާއި އަދި މަޖިލީހުގައި ރައީސް ވަހީދުގެ ޕާޓީ ފުރަތަމަ ތަމްސީލް ކުރައްވާނީ އޭނާ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްއަށް މަޖިލީގައި ގާނޫނީ ހައިސިއްޔަތު ހޯއްދަވައި ދެއްވި ޝަރީފް މިރޭގެ ޖަލްސާގައި ޖީއައިޕީއަށް ސޮއިކުރައްވާނެ ކަމަށް ކުރިން އެޕާޓީއިން އިއުލާންކުރި ނަމަވެސް މިރޭ ޖަލްސާގައި ސޮއިކުރައްވާފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޝަރީފް ވަނީ މީގެ ދުވަސްތަކެއް ކުރިން އެޕާޓީއަށް ސޮއިކުރައްވާފައެވެ.
ޝަރީފް ސޮއިކުރެއްވުމަށް ކުރިން އިއުލާންކޮށްގެން ބޭއްވި މި ޖަލްސާގައި ބައިވެރިވެފައިވަނީ 70 އެއްހާ މީހުންނެވެ.
ރިޔާސީ އިންތިހާބުގެ ކުރިން ތިމަރަފުށި އެއާޕޯޓުގައި ފްލައިޓު ޖައްސާނެ - ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ