މައުމޫނު ފައުންޑޭޝަނަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމަށްޓަކައި އުފެއްދި، ސިޔާސީ ހަރަކާތްތަކުން އެއްކިބާވެގެންވާ، ޖަމާއަތެއް: ރައީސް މައުމޫން

10:00މައުމޫނު ފައުންޑޭޝަނަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމަށްޓަކައި އުފެއްދެވި، ސިޔާސީ ހަރަކާތްތަކުން އެއްކިބާވެގެންވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށް އެ ފައުންޑޭޝަންގެ ޗެއާމަން އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.އެ ފައުންޑޭޝަންގެ ފުރަތަމަ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ރޭ ވިދާޅުވީ، މައުމޫން ފައުންޑޭޝަނުގައި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ނުހިމެނޭނެ ކަމަށާއި، ބޭނުމަކީ އެ ފައުންޑޭޝަނަކީ އެންމެންގެ ކުރިމަތީގައި ސިޔާސީ އެއްވެސްކަމަކާ ނުބެހި އޮންނަ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި އިޖްތިމާއީ ހިދުމަތްތަކެއް ކޮށްދެވޭތޯބަލާ ޖަމްއިއްޔާއަކަށް ހެއްދެވުން ކަމަށް ވެސް ވިދާޅުވި އެވެ. ހަމަ އެއާ އެކު އެ ފައުންޑޭޝަން މަސައްކަތްކުރާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ރައީސް މައުމޫނު އަދި ވިދާޅުވީ، މި ފައުންޑޭޝަންގެ އެންމެ މުހިއްމު މަގުސަދުތަކަކީ ރައްޔިތުންގެ ހިތްތަކުގައި، މާތްވެގެންވާ އިސްލާމްދީނަށް އޮންނަ ލޯބި އިތުރުކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ރާއްޖޭގެ ތައުލީމީ ފެންވަރާއި ސިއްހީ ފެންވަރާއި އިޖުތިމާއީ ދުޅަހެޔޮކަން ތަރައްގީ ކުރުމާއި، ތިމާވެށީގެ ރައްކާތެރިކަމާއި، ޖިންސުގެ ހަމަހަމަކަމާއި، ކުދިގައުމުތަކުގެ ސަލާމަތާއި ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތްކުރަމުން ގެންދިއުން ކަމަށެވެ. އަދި އެކަންކަމަކީ ރާއްޖޭގެ މުއްތަގުބަލާއި މިހާރަށްޓަކައި، ވަރަށްބޮޑަށް އިސްކަން ދޭންޖެހިފައިވާ ދާއިރާތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ރޭގެ ޖަލްސާގައި މެންބަރުންގެ ހިޔާލު ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި، ވާހަކަ ދައްކަވަމުން ޝައިހު މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، އަޅުގަނޑުމެންގެ އޮޔާދާ އަގީދާ ވަރުގަދަކުރާނެ ބަޔަކު މި ފައުންޑޭޝަންގެ ސަބަބުން އުފެދިގެންދާނެ ކަމަށެވެ. އަދި ރައީސް މައުމޫނަކީ އެކަންކަމަށް ވަރަށް އިސްކަންދެއްވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު، ފުރަތަމަ ރިޔާސީ ދައުރަށް ހުވައިކުރެއްވުމަށްފަހު ނެރުއްވި ފުރަތަމަ ގަރާރަކީ، އިސްލާމްދީން ނޫން އެހެންދީން ތަކަށް ގޮވާލަމުންދިޔަ ރޭޑިޔޯ ސްޓޭޝަނެއް ބަންދު ކުރުމުގެ ގަރާރު ކަމަށާއި، ދެވަނައަށް ނެރުއްވި ގަރާރަކީ، ދީނާހިލާފް ކަންތައްތަކެއް ހިންގަމުންދިޔަ ރިސޯޓެއް ބަންދުކުރުމަށް ނެރުއްވި ގަރާރު ކަމަށް ވިދާޅުވެ އެކަންކަމުގެ ބައެއް ތަފްސީލްތައް ދެއްވި އެވެ.މައުމޫން ފައުންޑޭޝަންގެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުން ވެސް ރޭގެ ޖަލްސާގައި އޮތެވެ. ޗެއާމަނާއި ވައިސް ޗެއާމަން ކަމަށް ކުރިމަތިލެވޭނީ ފައުންޑޭޝަންގެ މުއައްސިސުންނަށް ކަމަށް އަސާސީ ގަވާއިދު ބުނެފައިވާތީ، އެ މަގާމަށް ކުރިމަތިލެއްވުމަށް ތިއްބެވި ދެ ބޭފުޅުން ކަމުގައިވާ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫނު ކަމަށް ވާތީ، އެ މަގާމަށް ކުރިމަތިނުލެއްވުމަށް ނިންމަވައި، ޗެއާމަން ކަމަށް ހަމަޖެއްސެވުމަށް ރައީސް މައުމޫނުގެ ނަންފުޅު، ފާރިޝް ހުށަހެޅުއްވި އެވެ. އަދި އެ ނަންފުޅަށް ތާއީދު ލިބުމުން، ފައުންޑޭޝަންގެ ޗެއާމަން ކަމަށް ރައީސް މައުމޫނު ހުންނެވުމަށް ފެނޭތޯ ވޯޓަށް އެއްސެވުމުން، އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް، ޖަލްސާއަށް ވަޑައިގެން ތިއްބެވި 29 މެންބަރުންގެ ތެރެއިން 28 މެންބަރުން ވޯޓު ދެއްވައިގެން އެމަނިކުފާނު ޗެއާމަން ކަމަށް އިންތިހާބު ކުރެއްވި އެވެ. އަދި ވައިސް ޗެއާމަން ކަމަށް ނަން ހުށަހެޅުއްވުމަށް ހުޅުވާލި ފުރުސަތުގައި ފާރިޝް މައުމޫނުގެ ނަން ހުށަހެޅުއްވައި ތާއީދު ލިބުމުން އެ ނަމަށް ވޯޓަށް އެއްސެވި އެވެ. ވައިސް ޗެއާމަންގެ ގޮތުގައި ފާރިޝް އިންތިހާބު ކުރެއްވީ ވެސް 28 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީއަކަށް އިންތިހާބުކުރީ، ރައީސް މައުމޫނުގެ ސަރުކާރުގައި އިސް ތަރުޖަމާނުކަން ކުރައްވާފައިވާ، މުހައްމަދު ހުސެއިން ޝަރީފު (މުންދު) އެވެ. ހަޒާންދާރަކަށް އިންތިހާބުކުރީ، އެމަނިކުރާނުގެ ސަރުކާރުގައި ރިޔާސީ ގަނޑުވަރުގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުގައި ހުންނެވި އާދަމް ނައީމެވެ. އަދި ސެކްރެޓަރީއަކަށް އިންތިހާބުކޮށްފައި ވަނީ، ރައީސް މައުމޫނުގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒު އައްބާސް ޝަރީފެވެ.ފައުންޑޭޝަންގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިތުރު ހަ މެންބަރުންގެ ގޮތުގައި އިންތިހާބުކޮށްފައި ވަނީ، ރައީސް މައުމޫނުގެ ސަރުކާރުގައި އުއްތަމަ ފަނޑިޔާރު ކަމާއި، އިސްލާމި ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ކުރެއްވި، ޝައިހު މުހައްމަދު ރަޝީދު އިބްރާހިމާއި، ޔޫތު މިނިސްޓަރުކަން ކުރެއްވި، ޑރ. އާއިޝަތު ޝިހާމާއި، އެގްޒެކެޓިވް ސެކްރެޓަރީ ޓުދަ ޕްރެޒިޑެންޓްގެ މަގާމު ފުރުއްވި، ޑރ. އަހްމަދު ޝަރީފްގެ އިތުރުން، ރައީސް މައުމޫނުގެ ތިން ބޭފުޅުން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫނާއި ޣައްސާން މައުމޫނެވެ.މީގެ ތެރެއިން ދުންޔާ މައުމޫނަކީ ޑީއާރްޕީގެ އަންހެނުންގެ ގޮފީގެ ރައީސާ އެވެ. އަދި ގައްސާނަކީ ޑީއާރްޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ