ރައްކާތެރިވެވޭނީ އެންމެން އެއްބާރުލައިގެން: މައުމޫން

ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް އެންމެން އަމަލު ކުރަން ޖެހޭ ކަމަށާ ރައްކާތެރިވެވޭނީ އެންމެން އެއްބާރުލައިގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު ރަނގަޅު ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މައުމޫން ވިދާޅުވީ ކޯވިޑް19 އަށް ރާއްޖެއިން މީހަކު ޕްރޮޓިވްނުވާތާ ހަފްތާއެއްވީއިރު، ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިން މީހަކު ރަނގަޅުވީ ކަމަށްޓަކައި މާތްﷲ އަށް ހަމްދުކުރާ ކަމަށެވެ.
"މި މަތިވެރިވި ނިއުމަތް ދެމެހެއްޓުމަށް މިހާރު އިއުލާން ކޮށްފައިވާ ފިޔަވަޅުތަކަށް އެންމެން އަމަލުކުރަން ޖެހޭ." މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަ ދުވަސް ވަނީ ވެފަ އެވެ.
ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ