ފަތުރުވެރިކަމުގެ ދާއިރާގެ ޖަމިއްޔާތަކުން ޓެކްސް ކޮންޓްރޯލާ، ޓުއަރިޒަމް އަދި އިކޮނޮމިކް މިނިސްޓަރާ ބައްދަލުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުން ހުރި ޖަމިއްޔާތައް ކަމަށްވާ، މަޓާޓޯ، ބޯޓިންގް އެސޯސިއޭޝަން، ގެސްޓް ހައުސް އެސޯސިއޭޝަން އަދި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓަރާ ބައްދަލުކޮށްފި އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއީލް ހަމީދު ވިދާޅުވީ މި ބައްދަލުވުންތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުންތަކެއް ކަމަށެވެ.
އެގޮތުން ހުރިހާ އެންމެން ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތް ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެއްވި ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް އެކަންކަން ހައްލުކުރާނެ ގޮތަކާއި މެދު މަޝްވަރާ ކުރެއްވިކަމަށް އިސްމާއީލް ވިދާޅުވިއެވެ.
އެގޮތުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ސަރުކާރުން ވެދެއްވެން ހުރި އެހީއެއް ވެދެއްވާނެ ކަމަށް ވިދާޅުވި ކަމަށް އިސްމާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނުތައް ހުރިގޮތުން ޓެކްސް ދެއްކުން ލަސްކުރެވެން ނެތްކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވިކަން އިސްމާއީލް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޖޫރިމަނާ ކަހަލަ ކަންކަމުން ލުއި ފަސޭހަތަކެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.
އިސްމާއީލް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކަށް ދިމާވެފައިވަނީ ގާތްގަނޑަކަށް އެއް މައްސަލަތަކެއް ކަމަށެވެ. އަދި އެދާއިރާގެ ހަތަރު ޖަމިއްޔާ ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ މި ދަނޑިވަޅުގައި މި ކަންކަމުން އަރައިގަތުމަށް ކަމަށް އިސްމާއީލް ވިދާޅުވިއެވެ. އެގޮތުން އެއްބަޔަކު އަނެއް ބައެއްގެ ވަސީލަތްތައް ހިއްސާކޮށްގެން ނަަވެސް މިހާރު މަސައްކަތް ކުރަނީ ވިޔަފާރިތައް ހިންގޭނެ ގޮތެއް ބެލުމަށް ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ