އައްޑޫ ކަރަންޓް މައްސަލާގައި ފެނަކައިގެ އެމްޑީ އަދި ޗެއާމަން ކޮމިޓީއަށް ހާޒިރު ކުރަނީ

އައްޑޫ ސިޓީ ކަރަންޓުގެ މައްސަލާގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު އަދި އެ ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ނަދީމު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރު ކުރުމަށް ފާސްކޮށްފި އެވެ. މަސްއޫލިއްޔަތު ކޮމިޓީން އެގޮތަށް ނިންމީ މިއަދު ހެނދުނު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި އެވެ. މަސްއޫލިއްޔަތު ކޮމިޓީން އައްޑޫ ކަރަންޓާ ގުޅޭ މައްސަލަ ބަލަން ފަށާފައި ވަނީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ތިން މެމްބަރަކު ސޮއި ކުރައްވާ މަޖިލީހަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ނެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާޙު ސޮއިކުރައްވައި ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައި ވަނީ މިދިޔަ ޖޫން މަހު އައްޑު އަށް ގެންދިޔަ ދެ ޖަނެރޭޓަރު މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލެ ގެނެސްފައިވާ ކަމަށެވެ. މަޖިލީހުގެ އަމީނު އާންމު އަހުމަދު މުހައްމަދަށް އެޑުރެސްކުރައްވައި ފޮނުއްވާފައިވާ ސިޓީފުޅުގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާ އިރު އެ ސިޓީ އަށް ގެންދިޔަ ދެ ޖަނެރޭޓަރު އަނބުރާ މާލެ ގެނައީ ކޮން ހަމައަކުންތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ. އަދި އަނބުރާ ޖަނެރޭޓަރު އައްޑޫ ސިޓީ އަށް ގެންދާނީ ކޮންދުވަހަކުންކަން ސާފު ކުރަން ބޭނުންވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައެއް މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމިޓީ އަށް ހުށަހަޅާފައި އެވެ. އެހެންނަމަވެސް އެ މައްސަލަ ކޮމިޓީން ވަނީ ބޭރުކޮށްލައިފަ އެވެ. އައްޑޫ ސިޓީ ކަރަންޓުގެ މައްސަލާގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފައި އެވެ. އެހެންނަމަވެސް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ ޖަލްސާ އިން ވަނީ ބޭރުކޮށްލާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ