18 އަހަރު ނުވަނީސް ކައިވެނިކުރާނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން އަންގައިފި

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ކައިވެނި ކުރާނަމަ ސުޕްރީމް ކޯޓުގެ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ުކުޑަކުދިން ކައިވެނިކުރާނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖެހިގެން ގޮސްފައި މިވަނީ އާއިލާއާ ބެހޭ ގަވައިދުގެ 85 ވަނަ މާއްދާގެ (ށ)އަށް ގެނެވުނު އިސްލާހަކާއި ގުޅިގެންނެވެ.
މިއިސްލާހުގައިވާ ގޮތުން މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކުއްޖަކު ކައިވެނިކުރަން ބޭނުންވާނަމަ އެކަމުގެ ހުއްދައަށް އެދެންވާނީ މިނިސްޓްރީ އޮފް ފެމިލީ އެންޑް ޖެންޑާ އިން އެކުއްޖަކާ ގުޅޭގޮތުން ތައްޔާރުކުރާ އެސެސްމެންޓް ރިޕޯޓަކާ އެކު އެވެ.
އިސްލާހުގައިވާ ގޮތުން ކުޑަކުދިން ކައިވެނިކުރަން ސުޕްރީމް ކޯޓުގެ ހުއްދައަށް އެދޭނީ އާއިލާ ބެހޭ ކޯޓް މެދުވެރިކޮށެވެެ. އަދި ކައިވެނިކޮށްދިނުމަށް ގާޒީއަށް ވަލީ ދެވޭނީ ވެސް ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށްވެސް އިސްލާހުގައިވެ އެވެ.
އަލަށް އަމަލުކުރަން ފެށި އިސްލާހުގައިވާ ގޮތުން އާއިލާއާ ބެހޭ ކޯޓަށް އަދި ރަށު ކޯޓުތަކަށް ކައިވެނިކުރަން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ގާޒީ ވަލީ ދީގެން ކައިވެނިކުރަންޖެހޭ ކަމަށް އެ ކޯޓަކުން ނިންމާ މައްސަލަތަކުގައިވެސް އެކަން ކުރެވޭނީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުއްތަމަ ފަނޑިޔާރުގެ ހުއްދައެއް ލިބިގެންނެވެ.
އާއިލާއާ ބެހޭ ގަވާއިދުގައި ކުރިން އޮތް ގޮތުން 18 އަހަރު ނުވާ ކުޑަކުއްޖަކު ކައިވެނި ކުރާނަމަ އާއިލާއާ ބެހޭ ކޯޓަށް ހުށަހެޅުމުން ކޯޓުން ނިންމާ ގޮތަކަށް ކައިވެނިކުރެވެ އެވެ. ޖެންޑާ މިނިސްޓްރީ އަދި ސުޕްރީމް ކޯޓުގެ ހުއްދައެއް ހޯދާކަށް އޭރަކު ނުޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ