ލަންޑަންގައި ތިއްބެވި ބައެއް ސިޔާސީ ބޭފުޅުންނާ އުމަރު ނަސީރު ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުގައި މިވަގުތު ތިއްބެވި އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުންނާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
އެގޮތުން ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމާއި، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދުގެ އިތުރަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއިވެސް މަޝްވަރާކުރައްވާފައިވާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުންނާއި ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން އިނގިރޭސިވިލާތުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނާއި ވަރަށް ފުޅާ ދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ. ނަމަވެސް އެކަމުގެ ފުރިހަަމަ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ޑރ. ޖަމީލާއިއެކު ކުރިއަށް ގެންދިޔަ ބައްދަލްވުމުގައި ކުރީގެ ދެ ވަޒީރުންކަމަށްވާ އަބުދުﷲ އަމީނާއި، މުހައްމަދު މަލީހު ޖަމާލުވެސް ބައިވެރިވެވަޑައިގެންފައިވާކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ގައުމީ މަސްލަހަތުގައި ކުރައްވަންޖެހިވަޑައިގެން ކޮންމެ މަސައްކަތެއް ކުރައްވާނެކަމަށާއި, އެމަނިކްފާނާއި ބައްދަލްކޮށް ކަންކަމުގައި މަޝްވަރާކުރެއްވުމަށް ވަގުތުކޮޅެއް ދެއްވީތީ އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެނބުރި މާލެ ވަޑައިގަންނަވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ސަރުކާރުގެ ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، އިންތިޚާބުގައި ވާދަކުރައްވާނެކަން އުމަރު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން، އެޕާޓީގެ ރައީސަށް އުމަރު ވަނީ ރަސްމީކޮށް އަންގަވައިފައެވެ.
ޕްރައިމަރީގެ މައްސަލައާއި ގުޅިގެން ޕީޕީއެމް ދެބައިވެފައިވާއިރު، އުމަރު ގެންދަވަނީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި މަސައްކަތްކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ