ސަރުކާރުން އުޅެނީ ރައްޔިތުން ބިކަ ހާލުގައި ޖައްސަން: އިންތި

ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުން ޑަބަލް ޓެކްސް ނަގައިގެން ރައްޔިތުން ބިކަ ހާލުގައި ޖައްސަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދެމިއޮންނަނީ އެމްޑީޕީ ސަރުކާރުން ތައާރަފްކުރި ޓެކްސް ނިޒާމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ޓެކްސް ނިޒާމު ހަލާކުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ކުރަމުން ދިޔަ ކަމަކީ އިމްޕޯޓް ޑިއުޓީ ކަނޑާލާފައި އެ ނޫން ޓެކްސްތައް ތައާރަފް ކުރީ. އެކަމަކު ޑަބަލް ޓެކްސް ތައާރަފް ކުރަމުން އަންނަ ތަން މިހާރު ފެންނަނީ،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ރައްޔިތުންގެ "ގޮހޮރަށް އަތް ބޭނުމުގެ ގޮތުން" ކާޑުގެ ބާވަތްތަކުން 100 ޕަސަންޓު އަގު ބޮޑު ކޮށް، ގާކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އެޅި ފްލެޓްތަކުގެ ކުލި ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ނުއަގުގައި އެތައް ތަނެއް ވިއްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ފައިސާ ނެތިގެން ތަންތަން ވިއްކަމުން ދަނީ، ރައްޔިތުން ފެލައިގެން ފައިސާ ނަގަމުން ދަނީ. ރައްޔިތުންނަށް ލިބޭ ފައިދާއެއް ނުވަތަ މަންފާއެއް ނެތް،" އިންތި ވިދާޅުވި އެވެ.
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ސިނގިރޭޓާއި އެނާޖީ ޑްރިންކުގެ އަގު ބޮޑު ކުރަން ތާއީދު ކުރެއްވި ނަމަވެސް، ދައުލަތުގެ މީޑިއާ އިން އާންމުން ހޭލުންތެރި ކުރަން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ ސިއްހަތަށް ސަމާލުކަން ދޭ ނަމަ، ދައުލަތުން ފަންޑު ކޮށްގެން ހިންގާ ޕީއެސްއެމް އިން އެނާޖީ ޑްރިންކް ޕްރޮމޯޓް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ލީޓަރަކަށް 4.60ރ. ނަގަން ވަނީ ކަނޑައަޅައިފަ އެވެ. މިހާރު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. ނަގަން ވެސް އެ އިސްލާހުގައިވެ އެވެ.
މަޖިލީހުން ފާސްކުރި 2017ގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ސިނގިރޭޓާއި ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރުން ހިމެނެ އެވެ. ނަމަވެސް މަޖިލީހަށް މި ފަހަރު ފޮނުވި އިސްލާހު އޮތީ ބަޖެޓުގައި ހިމެނި ގޮތާ ހިލާފަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ