ބޭރުގެ ވަކި ފަރާތަކުން އެދިގެން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ ގައުމަށް ވެވޭ އެންމެ ބޮޑު ހިޔާނާތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ރޭ ނެރުއްވި ނަޔާނެއްގައި ވިދާޅުވެފައިވަނީ ގާނޫނަށް ބަދަލު ގެނެސްގެން ދިގު މުއްދަތަކަށް ރާއްޖޭގެ ރަށްތައް ވިއްކާލުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހެޅުއްވި ކަމަށެވެ. އެކަމަކު ޕީޕީއެމްގެ ޕީޖީ ގްރޫޕުން އޭގެން އެއްވެސް ހުށަހެޅުމެއް ގަބޫލު ނުކޮށް ގާނޫނަށް ގެނައި ހުރިހާ ބަދަލެއް ޕީޕީއެމްގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން ތަސްދީގު ކުރެއްވީ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖެގެ ބިން މިލްކު ކުރުމުގެ ހައްގު ބޭރުގެ ފަރާތް ތަކަށް ދޫކުރުމަކީ ރާއްޖެ އަށާއި ރައްޔިތުންނަށް ދެރަގޮތްތަކެއް ކުރިމަތިވެދާނެކަމެއް ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް ބޭރުގެ ފަރާތަކުން ބޭނުންވެގެންކަން، ލީކުވެފައިވާ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާންގެ އަޑު ކަމަށް ބެލެވޭ އޯޑިއޯގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ ވަކި މީހަކު ބުނެގެން، ވަކި ބަޔަކު ބޭނުންވާގޮތަށް ގާނޫނު ބަދަލު ކުރުމަށް ފަހު އެ ކުރި ކަންތައް ރައްޔިތުންނަށް ނޭނގޭނެ ކަމަށާއި ރައްޔިތުންނަށް މިވީގޮތް އެނގޭނީ އެފަރާތުން މިލްކު ކުރަނީ ފ. އަތޮޅުކަން އެނގޭ ދުވަހަކުން ކަމަށްވެސް އެ އޯޑިއޯގައި ބުނެފައިވާކަމަށެވެ. އެ ނިންމުން ނިންމާ ގާނޫނަށް ބަދަލު ގެނައީ ރައީސް ޔާމިންގެ އިރުޝާދުގެ ދަށުން ކަމަށް އެ އޯޑިއޯގައި ވިދާޅުވެފައި ވުމަކީ އެންމެ ބޮޑު ހިޔާނާތް ކަމަށެވެ.
މީގެ އިތުރުން އެކުއިޒިޝަން ފީ އެއްގެ ގޮތުގައި ގިނަ އަދަދެއްގެ ބޭރު ފައިސާތަކެއް ލިބިފައިވާ ކަމަށާއި އެކަމަކު އެއީ ކިހާ ފައިސާ އެއްކަމެއް ނޭނގޭ ކަމަށެވެ. އެފައިސާ ޖަމާކޮށްފައިވަނީ ސަރުކާރުގެ ކޮން އެކައުންޓަކަށް ކަމެއް ނޭނގޭކަމަށާ މިކަން ހިނގާ ދިޔައިރު މީގެ ހަގީގަތް މަޖިލިސް މެންބަރުންނަށްވެސް ވަނީ ސިއްރުކޮށްފައިކަމަށް ގަބޫލުކުރެވޭކަމަށް މައުމޫން ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ ގާނޫނުތައް ހެދިފައި ވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖޭގެ މިލްކިއްޔާތު ރައްކާތެރިކޮށް ކަށަވަރުކުރުމުގެ ބޭނުމުގައިކަމަށާ ނަމަވެސް މިހާރުގެ ސަރުކާރުންނާއި، ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ ބަދަލުކުރަމުން ގެންދަނީ ވަކި ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނެގޭ ގޮތަށް، ދިވެހި ރައްޔިތުންނަށާއި އަންނަން އޮތް ޖީލުތަކަށް ނުހަނު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ކުރުވާނޭ ގޮތަކަށް މައުމޫން ވިދާޅުވިއެވެ.
އަދި އޭގެ ސަބަބުން ދިވެހިރާއްޖޭގެ މުސްތަގުބަލު ބަނަވެ އަންނަން އޮތްޖީލުތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެކޭކަމަށް މައުމޫން ވިދާޅުވިއެވެ.
ބޭރުގެ ވަކި ބަޔަކަށް ގާނޫނު ހަދައި ދިނުމަކީ ގައުމަށް ވެވޭ އެންމެ ބޮޑު ހިޔާނާތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ