ދީނީ މިނިވަންކަމަށް ގޮވާލާ އދ ގެ ޚާއްސަ މަންދޫބުގެ ގޮތުގައި ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަޙުމަދު ޝަހީދު މިއަދު މަސައްކަތް ފައްޓަވައިފިއެވެ.
އެކަން ހާމަކޮށް، ޑރ. ޝަހީދު މިއަދު ވިދާޅުވީ މަޤާމުގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް މިއަދު ފައްޓަވާފައިވާކަމަށެވެ.
ޑރ. ޝަހީދު ސިފަކުރައްވާ ގޮތުގައި ދީނި މިނިވަންކަމަކީ އެންމެ އަސާސީ ހައްޤެކެވެ. އެހެންކަމުން، ޑރ. ޝަހީދު ވިދާޅުވީ މި އަސާސީ ހައްޤު ދިރުވާ އާލާކުރުމަށްޓަކައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
1948 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު، އދ އިން ފާސްކުރި ޔުނިވާރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ 18 ވަނަ މާއްދާގައި ދީނީ މިނިވަންކަން ކަށަވަރުކޮށްދީފައި ވިޔެއްކަމަކު، އިސްލާމީ ބައެއް ޤައުމުތަކުން އެ މާއްދާއަށް އަމަލެއް ނުކުރެއެވެ.
ރައީސް މައުމޫންގެ ދައުރުގައި ނިއު މޯލްޑިވްސްގެ ގޮތުގައި ޑރ. މުހައްމަދު ޖަމީލް އަޙުމަދާއި ޑރ. ހަސަން ސައީދާއެކު ނިކުންނެވި ޑރ. ޝަހީދު ވަނީ ރައީސް ނަޝީދުގެ ދައުރުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައެވެ.
އަދި އެޔަށްފަހު، ޑރ. ޝަހީދު މަސައްކަތް ކުރައްވާފައި ވަނީ އދ. ގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި، އިރާނުގެ އިންސާނީ ހައްޤުތަކާބެހޭ ގޮތުންނެވެ. މިއަދުން ފެށިގެން ޑރ. ޝަހީދުގެ މަސައްކަތަކީ، ދީނީ މިނިވަން ކަމަށް ގޮވާލައި، އެކަން ފެތުރުން ކަމަށްވާއިރު، މިއީ ދިވެއްސަކު ރަސްމީކޮށް އެފަދަ މަސައްކަތަކާ ހަވާލުވި ފުރަތަމަ ފަހަރެވެ.
އިސްލާމީ ޤައުމުތަކުގައި، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ނުލިބިގެން ހުޅަނގުން ހިންގާ ޕްރޮޕެގެންޑާގެ ހިއްސާދާރާކަށް ޑރ. ޝަހީދު ވީއިރު، ހުޅަނގުގެ ޤައުމުތަކުގައި މުސްލިމުންނަށް މެދުވެރިވާ ދުއްތުރާ ވަނީ މިއިން ޒަމާނަކު ނުފެންނަ ވަރަށް އިތުރު ވެފައެވެ. ވަކިން ޚާއްސަގޮތެއްގައި، އަސާސީ ހައްޤުތަކުގެ ވާހަކައިން ދުނިޔޭގެ ތާރީޚު ފޮތްތަކުން ޖާގަހޯދާފައިވާ ފްރާންސް ފަދަ ޤައުމުތަކުގައި ބައިމަދު މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިންތިހާއަށް ބޮޑެވެ.
މުސްލިމުންނަށް ހުޅަނގުގެ ޤައުމުތަކުގައި އިންތިހާއަށް ދަތިއުނދަގޫ ކުރަމުންދާއިރު، އދ ގެ އެއްވެސް ޖަމިއްޔާއަކުން ނުވަތަ ޖަމާއަތަކުން އެކަމާ ފިޔަވަޅެއް އެޅޭކަމަކަށް ނުވެއެވެ. ނަމަވެސް، އިސްލާމީ ޤައުމުތަކުގައި އެހެން ދީން ތަކަށް ފުރުޞަތު ނުދޭތީ، ޑރ. ޝަހީދު ފަދަ އެތައް މަންދޫބަކު މެދުވެރިކޮށް، އދ އިން ގެންދަނީ ދީނީ މިނިވަންކަން ކަށަވަރުކޮސްދިނުމުގެ ނަމުގައި ހަރަކާތްތައް ހިންގަމުންނެވެ.
ދީނީ މިނިވަންކަމަށް ގޮވާލާ އދ ގެ ޚާއްސަ މަންދޫބުގެ ގޮތުގައި ޑރ. ޝަހީދު މަސައްކަތް ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ