ހެލްތު މިނިސްޓަރު ކޯޓަށް ހާޒިރުވުމުގެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން އަމުރުކޮށްފި

ގަސްތުގައި މީހަކު މެރި ކަމުގެ ތުހުމަތުގައި ތަހުގީގަށް ހައްޔަރުކޮށްފައި ހުރި މީހެއްގެ ތަހުގީގު ފުރިހަމަކުރުމަށް ބޭނުންވާ ލިޔުމެއް ނުލިބުނު މައްސަލައެއްގައި ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލް ކްރިމިނަލް ކޯޓަށް ހާޒިރުވާން ނެރުނު އަމުރު އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފަށް ހުށަހަޅާފައި ވާތީ އެ އަމުރަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން އިއްޔެ އަމުރެއް ނެރެފި އެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ސޮއިކުރައްވައި ހައި ކޯޓުން ކްރިމިނަލް ކޯޓަށް ރައްދުވާ ގޮތަށް ނެރުނު "ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު"ގައި ވަނީ ހެލްތު މިނިސްޓަރު ކޯޓަށް ހާޒިރުވުމަށް ނެރުނު އަމުރު އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފަށް ހުށަހަޅާފައި ވާތީ އެ އަމުރާ މެދު ހައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ އަމުރު "ތަންފީޒުކުރުން ފަސްކުރުމަށާއި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާ އަމުރުކޮށްފި" ކަމަށެވެ.
ހެލްތު މިނިސްޓަރު މި މަހުގެ 17 ވަނަ ދުވަހު ކޯޓަށް ހާޒިރުވާން ކުރި އަމުރު އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ހަމަ އެ ދުވަހު އިސްތިއުނާފުކޮށްފަ އެވެ.
ހެލްތު މިނިސްޓަރު ކޯޓަށް ހާޒިރުވާން އަމުރު ނެރުނީ ގަސްދުގައި މީހަކު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ ތަހުގީގަށް ބޭނުންވި ލިޔުން ހޯދުމަށް ހެލްތު މިނިސްޓްރީގައި ފުލުހުން އެދުނުތާ ހަ މަސް ދުވަސްވީ އިރު ވެސް އެ ލިޔުން ނުލިބި ވަނީ ކީއްވެތޯ އޮޅުންފިލުވަން ކަމަށް ކޯޓުން ބުނެފައިވެ އެވެ. ބަޔާނުގައިވާ ގޮތުން ޝަހުމްގެ ތަހުގީގުގައި ކުރަން ހުރި ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މައްސަލަ ލަސްވަމުން ދަނީ މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީ ނުލިބިގެން ކަމަށް ވެސް ފުލުހުން ބުނާ ކަމުގައިވެ އެވެ.
ޝަހުމް އަކީ ޖުލައި ،30 2010 ގައި ހިންގި މާރާމާރީއަކާ އެކު ފުލުހުންނަށް ފިލައިގެން އުޅުމަށް ފަހު، އޯގަސްޓް ،24 2010 ގައި އަމިއްލައަށް ފުލުހުންނާ ހަވާލުވި މީހެކެވެ. އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ މ. ބިއުޓީ ފްލާވާ މުހައްމަދު ހުސައިން، ،17 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ