ރައްޔިތުން ތިބީ ކޮމަން ކެންޑިޑޭޓަށް ވޯޓުލާން ތައްޔާރަށް: ޑރ.މައުސޫމް

ރައްޔިތުން ތިބީ ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަށް ވޯޓުލާން ތައްޔާރަށް ކަމަށާއި މުޅި ރާއްޖެ އިންތިޒާރު ކުރަމުންދަނީ ރައީސް ޔާމީންގެ ވެރިކަން ނިމޭނެ ދުވަހަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ.މައުސޫމް ވިދާޅުވީ މުޅި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް އިންތިޒާރު ކުރަމުންދަނީ މިސަރުކާރު ބަދަލުކުރެވޭނެ ދުވަހަކަށް ކަމަށެވެ. ފުރަތަމަ ބުރުން ވެސް މިސަރުކާރު ބަލިކޮށްލަން ޖެހޭ ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށާއި އަދި އެކަން ވާނެ ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމަށް މަގުފަހިކުރުމަށް ގެންގުޅޭ ސިޔާސަތަކީ އެއް ކެންޑިޑޭޓު ނެރުން ކަމަށާއި އެކަން ކުރެވޭނެ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.
ޖޭޕީގެ ކައުންސިލް މެމްބަރު ޑރ.މައުސޫމް ވިދާޅުވީ ސެޕްޓެމްބަރު 23 ގައި އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވާ ފަދައިން އަވަހަށް ކެންޑިޑޭޓަކު ނިންމަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި ގުޅިފައިވާ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
"ރައްޔިތުން މިހާރު ތިބީ ކޮމަން ކެންޑިޑޭޓަށް ވޯޓުލާން ތައްޔާރަށް. ކެންޑިޑޭޓު އަޅުގަނޑުމެންނަށް ދެއްކުނީމަ އެކަންތައް ހަމަޖެހޭނެ. ކޮމަން ކެންޑިޑޭޓުގެ ޕެއާގެ ނަން ވޯޓުކަރުދާސްކޮޅުގައި އޮންނަންެޖެހޭ. އެހެންވީމަ ގާސިމް އިބްރާހީމްގެ ބަޔާނުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައި އޮތީ ތިމަންނާމެން އެބަ ކަށަވަރުކުރަންޖެހެއޭ އިލެކްޝަންސް ކޮމިޝަނަށް ގަބޫލުކުރެވޭ ކެންޑިޑޭޓަކާއި ރަނިންމޭޓެއް ހުށަހަޅަން" މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކެންޑިޑޭޓެއްގެ ނަން ހުށަހެޅުން ވަރަށް މުހިންމު ކަމަށެވެ. އެއީ ކޮންމެހެން ޕާޓީއަކަށް ނިސްބަތްވާ ބޭފުޅަކަށް ވެސް ވާންނުޖެހޭ ކަމަށާއި ނަމަވެސް އެންމެނަށް އެއްބަސްވެވޭ ބޭފުޅަކަށް ވާންޖެހޭނެ ކަަމަށެވެ.
އަދި ވިދާޅުވީ އަދުލުވެރި އިންތިޚާބަކަށް ފަހުވަގުތާ ހަމައަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން މިނިވަން އިންސާފުވެރި އިންތިޚާބެއް ރައްޔިތުންނަށް ހޯދައިދިނުމަށް ދޫދިނުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން ކެންޑިޑޭޓަކު ނެރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ ގައުމުގެ ހާލަތު މިވަގުތު އޮތްގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އެއްވެސް މައްސަލައެއް ނެތް ސާފު ނަމެއް ހުށަހެޅުން ވަރަށް މުހިއްމު ކަމަށެވެ.
ޖުމްހޫރީ ޕާޓީއާއި އެމަނިކުފާނުވެސް ހުންނެވީ ސާފު ބޭފުޅަކާ އެކުގައި މަޝްވަރާކޮށް ކުރިއަށްދާން ތައްޔާރަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު މަޝްވަރާތަކަށް އެމްޑީޕީންވެސް ހުށަހަޅަންވާނީ ފުލުސް އޮފީހުގައި ތަހުގީގެއް ނެތް، ޕީޖީ އޮފީހުގައި ފައިލްކޮށްފައިވާ މައްސަލައެއްވެސް ނެތް، އެއްވެސް ކޯޓެއްގައި ވެސް މައްސަލައެއް ނެތް އަދި އެއްވެސް ދުވަސްވަރެއްގައި ޑުއަލް ސިޓިޒެންޝިޕްވެސް ނެތް ނަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.
އެމަނިކުފާނުގެ މިހުށަހެޅުއްވުމަށް ގިނަ ބޭފުޅުންތަކެއް ވަނީ ތާއީދު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ