ރާއްޖޭގައި އެންމެ ބޮޑު މުސާރައެއް ކަނޑައެޅިފައި އޮންނަން ޖެހޭނީ ޓީޗަރުންނާއި ނަރުހުންނަށް ކަމަށް ކުރީގެ ޔޫތު މިނިސްޓަރ ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.
ރާޝިދާ މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ، މި ޤައުމުގައި އެންމެ ގިނަ ވަގުތު، އެންމެ ބުރަކޮށް ޒިންމާދާރު މަސައްކަތްތަކެއް ކުރަމުންދާ ބަޔަކީ މުދައްރިސުންނާއި ނަރުހުންކަމަށެވެ. އެއީ އިންސާނުންގެ ފުރާނައާ ސީދާ ގުޅިފައިވާ އަދި ޤައުމުގެ މުސްތަގުބަލު ބިނާކުރުމުގެ މުހިންމު ޒިންމާ އުފުލާ ދެ ދާއިރާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ތެރެއިންވެސް މުދައްރިސުންނަކީ ތަފާތު އެތައް މަސްއޫލިއްޔަތުތަކެއް ބޮލުގައި އަޅައިގެން ތިބި ބަޔެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި، މިއަށްވުރެ ބޮޑު މުސާރައެއް ލިބޭ ބަޔަކު މި ޤައުމުގައި ތިބެގެން ނުވާނެކަމަށެވެ. އެހެންނަމަވެސް، މިހާރު ފެންނަމުން ppmމިދަނީ މިކަމުގައި ވަރަށް ބޭއިންސާފު ގޮތްތަކެއް އިޚްތިޔާރު ކުރަމުންދާތަންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާޝިދާ މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ނެޝަނަލް ޕޭ ކޮމިޝަނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސާއިންގެ މުސާރަ ދެ ގުނައަށް ބޮޑުކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ އާންމުކުރި ސާކިއުލާގައިވާ ގޮތުން ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 41,500 ރުފިޔާއެވެ. ނަމަވެސް އެކަމަށް ސޯޝަލް މީޑިއާގައި ފާޑުކިއުން އަމާޒުވުމުން އެ އަދަދު ވަނީ 33,000 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އަލުން ގެނައި ބަދަލާއެކު، ސިޓީތަކުގެ ކޮމިޓީ ރައީސުންގެ މުސާރަ ވަނީ 20,000 ރުފިޔާއަށް ދަށްކޮށްފައެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަށް ވެސް ބަދަލު ގެނައިއިރު، 21,000 ރުފިޔާގައި ހުރި ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރަ މިހާރު ވަނީ 15,000 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި ކޮމިޓީތަކުގެ ރައީސުންގެ މުސާރައަށް މިފަދަ ބަދަލުތަކެއް ގެނައި ނަމަވެސް، އެހެން މެންބަރުންނާއި ނައިބު ރައީސުންގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
މިހާރު ހަމަޖައްސާފައިވާ އުސޫލުން ސިޓީތަކުގެ ޑަބްލިއުޑީސީ ނައިބު ރައީސުންނަށް 7,000 ރުފިޔާ އަދި މެންބަރުންނަށް 6,000 ރުފިޔާ ލިބޭނެއެވެ. އަދި ރަށްރަށުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 6,000 ރުފިޔާ ލިބޭއިރު، މެންބަރުންނަށް ކަނޑައަޅާފައިވަނީ 5,000 ރުފިޔާއެވެ.
ޕޭ ކޮމިޝަނުން ބުނި ގޮތުގައި، އަލަށް މި ކަނޑައެޅުނު މުސާރައާއި އިނާޔަތްތައް ދެއްވަން ފަށްޓަވާނީ 17 މޭ 2026 އިން ފެށިގެންނެވެ.
އެންމެ ބޮޑު މުސާރައެއް ދޭން ޖެހޭނީ ޓީޗަރުންނާއި ނަރުހުންނަށް: ރާޝިދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ