ކަރަންޓް ބިލަށް ރަނގަޅު ބަދަލެއް ގެނެސްދޭނަން، ކެތްތެރިކަމާއި އެކު އިންތިޒާރުކޮށްލުން އެދެން: ރައީސް

ކަރަންޓް ބިލް ބޮޑުވެ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ އެމައްސަލަ ރަނގަޅު ބަދަލެއް ގެނެސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ގއ. ކަނޑުހުޅުދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ޔާމީން ކަރަންޓް ބިލްގެ މައްސަލާގައި ވާހަކަދައްކަވާފައި މިވަނީ މާޗް މަހުން ފެށިގެން ސަރުކާރުން ކަރަންޓްގެ އަގަށް ގެނެސްފައިވާ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ކަރަންޓް ބިލަށް އަރާވަރު ބޮޑުވެ އެކި ރަށްރަށުގައި ސަރުކާރާ ދެކޮޅަށް ރައްޔިތުން މުޒާހަރާ ކުރަމުންދާ ވަގުތެއްގަ އެވެ.
ރައީސް ވިދާޅުވީ ކަރަންޓްގެ އަގަށް ގެނެވުނު ބަދަލާއި ގުޅިގެން ދަތިތަކެއް ތަހައްމަލް ކުރާ ރައްޔިތުންތަކެއް ތިބިކަން އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑަށް މިދޭތެރެއިން ރާއްޖެއިން ބޭރުގައި ހުއްޓާ މިކަން އެނގިގެން ދިޔައީމާ ބައެއް ބިލްތައް ބަލާފައި މެންބަރަކު އަޅުގަނޑަށް ފޮނުއްވައި ދެއްވި ބިލްތައް ބަލާފައި އަޅުގަނޑު މިއަދު މިއައީ އިގްތިސޯދީ ވަޒީރުންގެ ކޮމިޓީގައި ދަންނަވާފައި ބިލްތައް އަލުން ރިވިއު ކޮށްދެއްވާށޭ. އަލުން ބަލައިދެއްވާށޭ. ދިރާސާކުރައްވާށޭ. މީގައި ހިސާބުތަކެއް ހެދިިއިރު އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ކަމަށް ވަންޏާ ނޫނިއްޔާ އަޅުގަނޑުމެންގެ އަތްދަށުން ގޮސްފައިވާ ހުރި ކަންކަމެއް ހުރެއްޖެ ކަމަށްވަންޏާ އެކަން ބައްލަވާފައި ފާހަގަކޮށްދެއްވާށޭ" ކަރަންޓްގެ އަގަށް އައި ބަދަލާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ކުރައްވާ މަސައްކަތް ރައީސް ވިދާޅުވެދެއްވި އެވެ.
ރައީސް ވިދާޅުވީ ބައެއް ކަންކަން ކުރުމާއި ބައެއް ކަންކަން ކޮށްދިނުމަށް ސަރުކާރަށް ވެސް ދަތިވާ ކަންތައްތައް ހުންނަ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ ކަރަންޓް އުފެއްދުމަށް ބޭނުންވާ ހަކަތައަކީ ތެޔޮ ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެއްޖެނަމަ ސަރުކާރަށް ޖެހެނީ ކަރަންޓްގެ އަގަށް ބަދަލު ގެންނަން ކަމަށެވެ. އެކަމަކު އެންމެ ފަހުން ކަރަންޓްގެ އަގަށް ގެނައި ބަދަލާއި ގުޅިގެން "އިންތިޒާރު ނުކުރާ ނަތީޖާއެއް" މިހާރު ނިކުމެގެން މިއުޅެނީ ކޮން ކަމެއް "އަތްދަށުން ވެއްޓިގެންތޯ ދިމާވެގެން އުޅެނީ" މިހާރު ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަރަންޓް ބިލްގެ މައްސަލާގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި އެކު ވެސް ކެތްތެރިކަމާއި އެކު އިންތިޒާރު ކޮށްލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިމައްސަލަތައް ބަލައި ދިރަސާކުރުމަށްފަހު މިހަފްތާ ތެރޭގައި ގޮތްތަކެއް ނިންމަވާނެ ކަމަށާއި އަދި މިމައްސަލާގައި ގެނެސްދެވެން އޮތް ރަނގަޅު ބަދަލެއް ގެނެސް ދެއްވާނެ ކަމަށެވެ.
ކަރަންޓްގެ އަގަށް ސަރުކާރުން ގެނެސްފައިވާ ބަދަލާއި ގުޅިގެން ބައެެއް ގޭބިސީތަކުގެ ކަރަންޓް ބިލް ވަނީ ކުރިން އަރަވާރަށް ވުރެ ދެގުނައާ ގާތްކުރާ އަދަދަކަށް ބޮޑުވެފަ އެވެ. ކަރަންޓްގެ އަގަށް ސަރުކާރުން ގެނެސްފައިވާ ބަދަލާއި ގުޅިގެން ކަރަންޓް ބިލް ބޮޑުވެ ދިރިއުޅުމަށް ދަތިވެފައިވާ ކަމަށް ބުނެ އެންމެ ބޮޑަށް އަޑުއުފުލަމުން ދަނީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މެޖޯރިޓީ އޮތް ރަށްރަށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ