ސުޕްރީމް ކޯޓުގެ ހުއްދަ ނުލިބި ކޯޓް ރޫމް ނުހަދަން އަންގައިފި

ޝަރީއަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޒަނެއް ނުވަތަ ވަސީލަތެއް ގާއިމްކުރާނަމަ އެކަން ސުޕްރީމް ކޯޓަށް އަންގަން ޖެހޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ އެ ކޯޓުން އިއްޔެ އާންމުކޮށްފައިވާ ސާކިއުލާއެއްގަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ ބޭނުމަށް ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅައި އިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މަސްއޫލިއްޔަތެއް ކަމަށް 2009 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއެއްގައި ކަނޑައަޅާފައިވާ ކަމަށެވެ.
"އެސާކިއުލާގައި [މިގޮތަށް] ކަނޑައަޅާފައިވާތީ ކޯޓެއް ގާއިމްކުރެވިފައިވާ ތަންތަން ފިޔަވާ އެހެން ތަނެއްގައި ޝަރީއަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޒަނެއް ނުވަތަ ފެސިލިޓީއެއް ހަމަޖެހިފައިވާ އުސޫލުން ބޭރުން އެއްވެސް ފަރާތަކުން ގާއިމްކޮށްގެން ނުވާނެ ކަމަށާއި އެ ފެސިލިޓީއެއް ގާއިމްކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމުގައި ދެންނެވީމެވެ،" ސުޕްރީމް ކޯޓުން އިއްޔެ ނެރެފައިވާ ސާކިއުލާގައިވެ އެވެ.
ޝަރީއަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޒަނެއް ނުވަތަ ވަސީލަތެއް ގާއިމްކުރާނަމަ އެކަން ސުޕްރީމް ކޯޓަށް އަންގަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައި މިވަނީ ކްރިމިނަލް ކޯޓުގެ ކޯޓު ރޫމެއް ދޫނިދޫގައި ހަދަމުންދާ ކަމަށް މީޑިއާ ރިޕޯޓްކޮށްފައިވާ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ