ނިމިފައިވާ މައްސަލައެއް އަލުން ބަލަން ފެށުމުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައި ނިމިފައިވާ މައްސަލައެއް އެ ކޯޓުން އަލުން ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރުނު އަމުރަކުން ހުއްޓުވީ 2013 ވަނަ އަހަރުގެ ތެރޭގައި ކުޑަހުވަދޫގައި ގެއެއް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި އެ ރަށު އަސްރަފީގޭ ނިޒާރު މޫސާ ހައްދާފައިވާ ރުއްގަސްތަކާއި ދަނޑުގަސްތައް ނެގުމަށް ބޭނުންވެގެން ކުޑަހުވަދޫ ކައުންސިލުން އެރަށު ކޯޓަށް ހުށަހެޅި މައްސަލައެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ނިޒާރު މޫސާގެ ފަރާތުން 2013 ގައި ކުޑަހުވަދޫ ކޯޓަށް ހުށަހެޅުމުން ރުއްގަސްތަކުގެ ބަދަލަށް 230،000ރ. ދޭން ކުޑަހުވަދޫ ކައުންސިލްގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. ހައި ކޯޓުން އެގޮތަށް ހުކުމް ކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ބަދަލުގައި އެ މީހާގެ ފަރާތުން ވަނީ އަނެއްކާވެސް އެ މައްސަލަ ކުޑަހުވަދޫ ކޯޓަށް ހުށަހަޅައިފަ އެވެ.
އެމައްސަލަ ކުޑަހުވަދޫ ކޯޓުން ބަލަމުންދަނިކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ ހައި ކޯޓުގެ ހުކުމަށް މިހާތަނަށް ބަދަލެއް އައިސްފައިނުވާތީ އެ ހުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ފައިސަލާ ކުރަނިވި ހުކުމެއް ކަމަށެވެ.
އިސްތިއުނާފް ކުރުމުގެ ބަދަލުގައި ކުރީގެ ހުކުމަށް އަސަރު ފޯރާ ގޮތަށް ކުޑަހުވަދޫ ކޯޓަށް ހުށަހަޅައިގެން އެ މައްސަަލަ ބެކުމަކީ ގާނޫނު އަސާސީއާއި އަދުލްއިންސާފުގެ ހަމަތަކާ ފުށުއަރާ ކަމެއް ކަމަށް ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ