ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނެ، ފުލުހުން މިއަދު ފޮޓޯ ޢާންމުކުރި ހަތިޔާރުތަކަކީ، ނާޒިމްއާއި އޭނާގެ އާއިލާގެ ތަކެއްޗެއް ނޫން ކަމަށް ނާޒިމްގެ ޤާނޫނީ ވަކީލް އަލްއުސްތާޒް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވެފައި ވަނީ، ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނެ، ފިސްތޯލައަކާއި، ތިން ވަޒަނާއި އަދި އަމިއްލައަށް ހަދާފައިވާ އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސްއެއްގެ ފޮޓޯ، ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢާންމު ކުރައްވާފައި ވަނިކޮށެވެ.
ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ސޮއިކުރައްވައި، ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައި ވަނީ، އެ ހަތިޔާރަކީ ނާޒިމްއާއި އޭނާގެ އާއިލާގެ އެއްޗެއް ނޫން ކަމަށާއި، އެފަދަ ތަކެއްޗެއް ހުރިނަމަ އެއީ ނާޒިމްއާއި އޭނާގެ އާއިލާއަށް އެނގުމެއް ނެތި ހުރި ތަކެތި ކަމަށެވެ.
"ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެއިން ފެނިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެފައިވާ ތަކެއްޗަކީ ކާނަލް މުހައްމަދު ނާޒިމްގެ ވެސް، އަދި ކާނަލް މުހައްމަދު ނާޒިމްގެ އާއިލާގެވެސް ތަކެއްޗެއް ނޫން ކަމަށާއި، އެފަދަ ތަކެއްޗެއް އެތަނުގައި ހުރިނަމަ، އ ހުރީ ކާނަލް މުހައްމަދު ނާޒިމްއަށްވެސް، އަދި އާއިލާއަށްވެސް އެނގުމެއް ނެތި ކަމުގައިކަން، ކާނަލް މުހައްމަދު ނާޒިމް އެންމެހައި ބޭފުޅުންނަށް ޔަޤީންކަން އަރުވައެވެ،" އެ ބަޔާނުގައި މިހެން ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ފުލުހުން ކުރިޔަށް ގެންދާ ތަހްޤީޤަށް ނާޒިމްގެ ފުރިހަމަ އެއްބާރުލުން ދިނުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ނާޒިމް އަރުވާ ކަމަށެވެ.
މީގެ ކުރިން، ނާޒިމްގެ ވަކީލުކަން ކުރެއްވި، އެވޮން ގާރޑް ލޯޔަރސްގެ ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނާއިބު އާޒިމާ ޝަކޫރުވެސް ވަނީ، ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ހަތިޔާރު ފަދަ ތަކެއްޗަކީ، ކާކު އެތަނުގައި ބަހައްޓާފައި ނުވަތަ ކާކުގެ އެއްޗެއްކަން ނޭނގޭ ކަމަށް ނާޒިމް ހާމަކުރައްވަން ބޭނުންވާ ކަމަށާއި، މައްސަލައިގެ ތަހުޤީޤު ކުރިއަށް ދާއިރު، ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދީފައި ވާކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެއްބާރުލުން ދެމުން އަންނާނެ ކަމުގެ ޔަޤީންކަމާއި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނާޒިމް ކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން ބަޔާނެއްގެ ޒަރިއްޔާއިން އަރުވާފައެވެ.
ފުލުހުން ފޮޓޯ ޢާންމުކުރި ހަތިޔާރަކީ ނާޒިމްއާއި ޢާއިލާގެ ތަކެއްޗެއް ނޫން - މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ