ރިލްވާން ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް: އުމަރު

ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ހޯދާ އޭނާގެ އާއިލާއާ ހަވާލުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ މާފުށި ޖަލުން ފިލައިގެން އުޅުނު ނުރައްކާތެރި ކުށްވެރިޔާ ގ. ކޯޒީ، އިބްރާހިމް ޝަހުމް މިރޭ އަތުލައިގަނެވުމާއި ގުޅިގެން ޓީވީއެމަށް ފޯނުން ދިން އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ޝަހުމް އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަން މިރޭ ނިންމާލުމަށްފަހު މާލޭގެ ސެކިއުރިޓީ ލެވަލް ދަށްކުރި ނަމަވެސް ރިލްވާން ގެއްލުމާއި ގުޅިގެން އޭނާ ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ޝަހުމް ފިލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އަތުލައިގަނެވުނަސް ރިލްވާން ހޯދުމަށް ކުރާ މަސައްކަތް އެހާ ފަސޭހަ ނުވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ޝަހުމް ފަސޭހައިން ހޯދުނީ އޭނާއަކީ ގިނަ ބަޔަކު ދަންނަ އަދި ގޭންގްތަކާއި ގުޅިފައިވާ ނުރައްކާތެރި ކުށްވެރިޔަކަށް ވުމުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރިލްވާން އަކީ އެއްވެސް ގޭންގަކާ ގުޅުމެއް ނެތް އަމިއްލަ ފަރުދެއް ކަމަށާއި އަދި އޭނާއަކީ ކުށްވެރިއެއް ނޫން ކަމުން ރިލްވާން ހޯދުން ފަސޭހަ މަސައްކަތަކަށް ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދުކުރަން ރިލްވާން ހޯދާ އޭނާގެ އާއިލާއާ ހަވާލުކުރެވޭނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.
ރިލްވާން އެންމެފަހުން ފެނިފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ރޭ ހުޅުމާލެ ފެރީ ޓާމިނަލް ތެރެއިން އެވެ. ރިލްވާން ހޯދުމަށް މިހާތަނަށް ފުލުހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައި ހުރި ގިނަ އަދަދެެއްގެ ސީސީޓީވީ ފްޓޭޖް ދިރާސާކޮށްފައިވާއިރު ހުޅުމާލެ އާއި މާލޭގެ މުހިއްމު ސަރަހައްދުތަކާއި ބައެއް ގެތަކާއި އަދި ބައެއް ވެހިކަލްތަކާއި ހުޅުމާލޭގެ ފަޅުގެ ސަރަހައްދު ވެސް ބަލާ ފާސްކޮށްފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްވެސް މި އޮޕަރޭޝަންގައި ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ރިލްވާންގެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ސުވާލުކޮށްފައިވާއިރު، ބައެއް ވެހިކަލްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ