މުއާޒު މަގާމުން ވަކިކުރި މައްސަލަ ކޯޓުން ބަލައިގެންފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމަށް އަބްދުﷲ މުއާޒް ޔޫސުފް ހަމަޖެއްސި ބައްދަލުވުން މީޑިއާ ކައުންސިލުން ބާތިލް ކުރި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެކޯޓުން ބަލައިގެންފި އެވެ.
ވީ ނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން މުއާޒް ވިދާޅުވީ ސިވިލް ކޯޓަށް މީގެ ދެދުވަސް ކުރިން އޭނާ ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަން އަންގާފައިވާ ކަމަށެވެ.
މުއާޒް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިމަހުގެ 12 ވަނަ ދުވަހު މީޑިއާ ކައުންސިލްގެ ރައީސް ކަމަށް އޭނާ އައްޔަން ކުރުމަށްފަހު އޭނާ އެމަގާމަށް އައްޔަން ކުރި ބައްދަލުވުމަކީ ބާތިލް ބައްދަލުވުމެއްކަމަށް ކައުންސިލުން ނިންމުމުންނެވެ. މީޑިއާ ކައުންސިލުން އެޖަލްސާއަކީ ބާތިލް ޖަލްސާއެއް ކަމަށް ނިންމީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
ކައުނސިލުން ބުނެފައިވަނީ އެޖަލްސާ ބާތިލް ކުރީ ރަށުގައި ނެތް މެންބަރެއްގެ ނަން ރައީސް ކަމުގެ މަގަމަށް ހުށަހަޅައި އޭނާއަށް ތަނާޒުލް ވުމާއި ކެމްޕެއިން ކުރުމުގެ ހައްގު ދީފައި ނުވާތީ ކަމަށެވެ. މީގެ އިތުރުން މީޑިއާ ކައުންސިލްގެ ޖަލްސާއެއް ބޭއްވުމަށް ދޭން ޖެހޭ 72 ގަޑިއިރުގެ ނޯޓިސް ދީފައި ނުވުމަކީވެސް އެޖަލްސާ ބާތިލް ޖަލްސާއަކަށް ވުމުގެ ސަބަބެއް ކަމަށްވެސް ކައުނސިލްގެ ބައެއް މެންބަރުން ބުނެފައިވެ އެވެ.
މުއާޒް ވިދާޅުވީ އެޖަލްސާ ބާތިލް ކޮށްފައިވަނީ އަދި އޭނާ މަގާމުން ވަކިކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި ގާނޫނުގެ ތެރެއިން މިމައްސަލައަށް ހައްލު ހޯދުމަށް ކޯޓަށް މައްސަލަ ވެއްދީ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ