ރައްޔިތުން ދިން ތާއީދާއެކު ތަރައްގީ ގެންނަން ފަސޭހަވާނެ: ރައީސް

ރާއްޖެއާއި ޖަޕާނާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައި ނުވަނީ ޖަޕާނު ސަރުކާރާއި ރައްޔިތުންގެ ހިތުގައި ރާއްޖެއަށްޓަކައި އޮންނަ އިހްތިރާމެއްގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖަޕާން-މޯލްޑިވްސް ޕާލިމެންޓޭރިއަންސް ފްރެންޑްޝިޕް ލީގުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޓޯކިޔޯގައި ހުންނަވާ ހޮޓެލުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޖަޕާނާ ދެ ގައުމުގެ ދޭތެރޭ އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ޕާލަމެންޓޭރިއަނުންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، އެކުވެރިކަން އިތުރަށް ބަދަހިވެގެންދާ ކަމުގައި ވިދާޅުވި އެވެ.
"ރާއްޖޭގެ ތަރައްގީގެ ދާއިރާގައި ކުރިއަށް އޮތްތަނުގައި ގިނަގުނަ ފުރުސުތުތަކެއް ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައްޔިތުން އެމަނިކުފާނުގެ ޕާޓީއަށާއި ކޯލިޝަނަށް ވަރަށް ބޮޑު ތާއީދެއް ދެއްވާފައިވާ ކަމާއި، އެއީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން ޖަޕާން-މޯލްޑިވްސް ޕާލަމެންޓޭރިއަންސް ފްރެންޑްޝިޕް ލީގުގެ ބޭފުޅުންނަށް ދައުވަތު ދެއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޖަޕާން-މޯލްޑިވްސް ޕާލަމެންޓޭރިއަންސް ފްރެންޑްޝިޕް ލީގުގެ ރައީސް މަސަހިކޯ ކޮއުމުރާ ދެއްކެވި ވާހަކަފުޅުގައި ޖަޕާނާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ޕާލަމެންޓޭރިއަނުންގެ މެދުގައި މިހާރުވެސް ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ކަމުގައި ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަދި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އެކުލަވާލާފައިވާ ޖަޕާން-މޯލްޑިވްސް ފްރެންޑްޝިޕް ގުރޫޕުގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ