ފަޅު ވިއްކާލިކަމަށް އުމަރު ދައްކާ ވާހަކަތައް ފިނޭންސް މިނިސްޓަރު ދޮގުކުރައްވައިފި

މާލެ އަތޮޅު އެނބޫދޫ ފަޅުކައިރީ އޮންނަ ފުށިދިއްގަރު ކިޔާ ފަޅެއް ގާނޫނާއި ގަވާއިދާއި ހިލާފަށް ފިނޭންސް މިނިސްޓަރ އިސްވެ ހުންނަވައިގެން ވިއްކާލިކަމަށް އުމަރު ނަސީރު ދެއްކެވި ވާހަކަތައް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ދޮގުކުރައްވައިފިއެވެ.
ސީއެންއެމް އިން ދެންނެވި ސުވާލަކާއި ގުޅިގެން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށާއި ސަރާކުގެ ފަޅެއް އެގޮތަށް ވިއްކާ ނުލެވޭނެކަމަށެވެ.
މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ނައިބް އަލީ ސޯލިހް ވިދާޅުވީ އެފަޅު އަދިވެސް އޮތީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށާއި މިހާތަނަށް އެފަޅާއިމެދު ކެބިނެޓުންވެސް ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ.
މ.ކުނޫޒުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވިމުގައި ވާހަކަ ދައްކަމުން އުމަރު ވިދާޅުވެފައިވަނީ ފުށިދިއްގަރު ކިޔާ ފަޅު އެއްވެސް އެޑްވާސް ފައިސާއެއް ނުހޯދާ އަދި އެއްވެސް ފައިދާއެއްނެތި ސަރުކާރުން ބޭރު ބޭރުބަޔަކަށް 50 އަހަރަށް ކުށްޔަށް ދީފައިވާކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މި 2013 ވަނަ އަހަރުގެ ޖެނުއަރީ 18 ވީ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޓްރޭޑާރސް ހޮޓެލްގެ ރޫމެއްގައި ކަމަށާއި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކޮށްފައިވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މަނިކު އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށާއި އަދި ކުންފުނީގެ ވެރިއެއް ކަމަށްވާ ނިއުޒިލޭންޑްގެ ރައްޔިތެއް ކަމަށެވެ. އަދި މިނިސްޓާރު އަދީބު ސޮއިކުރައްވާފައިވަނީ ބޭރު ކުންފުނީގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.
"ފުރަތަމަ ކަމަކީ އެ މުއާމަލާތް އެބޭފުޅުން ހިންގަވާފައިވަނީ އެއްވެސް ބިޑް ކުރުމެއް ނެތި. ދެވަނަ ކަމަކަށް، ކެބިނެޓްގަ މަޝްވަރާކޮށް ކެބިނެޓްގެ ހުއްދަ ހޯދައިގެން ވެފައިވާ އެއްބަސްވުމެއްވެސް ނޫން. ތިންވަނަ ކަމަކަށް، ދައުލަތުގެ އެޓާނީ ޖެނެރަލްއަށް ލިޔެ، އެޓާނީ ޖެނެރަލްގެ އެއްވެސް ހުއްދައެއް ހޯދާފައެއްނެތް. ހަތަރު ވަނަ ކަމަކަށް މިއެއްބަސްވުން އެއްބަސްވެ އެއެއްބަވުމުގައި ސޮއިކުރެވުނީ ޓްރޭޑާރސް ހޮޓެލްގަ އެއްރެއެއްގެ ރޭގަނޑު. އެއްބަސްވުމުގައި ސޮއިކޮށްފަ ފިނޭންސް މިނިސްޓްރީގެ ތައްގަނޑު ޖަހަންވެގެން ފިނޭންސް މިނިސްޓްރީ ހުޅުވައިގެން އެތަނުން ތައްގަނޑު ގެނެސް ތަތްގަނޑު ޖަހާފައިވަނީ. ފަސްވަނަ ކަމަކަށް، މިއެއްބަސްވުމުގައި އޮންނަ ގޮތުން މިއެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 18 ޖެނުއަރީ 2013 ގަ. 18 ޖެނުއަރީއަކީ ހުކުރު ދުވަހެއް. އެހެންވީމާ ހުކުރު ދުވަހެއްގައި މިހާމުހިއްމު އެއްބަސްވުމެއްގައި ސޮއިކުރި ކުރުންވެސް މީ އަޅުގަނޑުމެންނަށް މިމައްސަލާއާމެދުގަ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމެއްކަމަށް އަޅުގަނޑުމެންނަށް ދޭހަވާކަމެއް،" އެއްބަސްވުން ކުރިއަށް ގެންގޮސްފައިވާ ގޮތާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް އުމަރު ކިޔާދެއްވަމުން ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ އެ އެއްބަސްވުން ސަރުކާރުން އުވާލާ ކަމަށްވަނީ ނަމަ ދައުލަތުން އެ ބޭރު ކުންފުންޏަށް 2.5 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި ނަމަވެސް އެ އެއްބަސްވުމުގައި ދައުލަތަށް ލިބޭ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ