އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މުބާރާތުގެ ތަށި ނުލިބުނަސް 500،000 ރުފިޔާ ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ، އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލް މެޗެއް ޝަރަފްވެރިކުރުމަށްޓަކައި އެފްއޭއެމްގެ ރައީސް އިލްހާމު އަހުމަދު ދެއްވި ދައުވަތު ގަބޫލުފުޅު ކުރެއްވުމަށް ފަހު، މީޑިއާ އަށް ދެއްވި އިންޓަވިއުގަ އެވެ.
އެފްއޭއެމްގެ އިސްވެރިންނާއެކު މ. މާފަންނުވިލާގައި އޮތް ރަސްމިއްޔާތުގައި މީޑިއާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، މުބާރާތުގެ ތަށި ގައުމީ ޓީމަށް ނުލިބުނު ކަމުގައި ވިޔަސް 500،000 ރުފިޔާ ޓީމަށް ދެއްވާނެ ކަމަށާއި މުބާރާތުގެ މެޗެއް ޝަރަފްވެރި ކޮށްދެއްވުމަށް އެފްއޭއެމުން ދެއްވި ދައުވަތަށް އެ އިދާރާގެ ވެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޗެލެންޖު ކަޕުގައި ރާއްޖެއަށް "ރަނގަޅު ކާމިޔާބީއެއް" ހޯދިދާނެ ކަަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ގައުމީ ޓީމަށް މުބާރާތުގެ ތަށި ނުލިބުނަސް، 500،000ރ. ގެ ފައިސާގެ އިނާމެއް ދޭނަން. ރާއްޖޭގެ ޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދިދާނެ. ގައުމީ ޓީމަށް ކާމިޔާބު ލިބުމަށް އެދި މާތްﷲގެ ހަޒްރަތަށް ދުއާކުރަން،" ގާސިމް ވިދާޅުވިއެވެ.
އެފްއޭއެމްއިން ދެއްވި ދައުވަތު ގާސިމް އިބްރާހިމް ގަބޫލްކުރެއްވުމާ ގުޅިގެން އެ އިދާރާގެ ރައީސް އިލްހާމް އަހުމަދު ގާސިމް އިބްރާހިމްއަށް ވަނީ ޝުކުރު ދަންނަވާފައެވެ. އެފްއޭއެމުން މިއަދު ގައުމީ ޓީމުގެ އާ ޖާޒީ ގާސިމަށް ހަދިޔާ ކޮސްފައެވެ. ގާސިމަށް ދެއްވި ޖާޒީގެ ނަންބަރަކީ 11 އެވެ. އެ ޖާޒީ ގާސިމަށް ހަވާލުކޮށް ދެއްވީ ގައުމީ ޓީމުގެ މެނޭޖަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް (މަހޭ) އެވެ.
ތަށި ނުލިބުނަސް، ގައުމީ ޓީމަށް 500،000 ރުފިޔާ ދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ