ގާސިމްގެ ޕޮލިޓިކަލް އެޑުވައިޒަރުންނަށް ޖަމީލް އާއި އުމަރު ނަސީރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމަށް ދާދި ފަހުން އެ ޕާޓީއާ ގުޅިވަޑައިގަތް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަވައިފިއެވެ. ޖަމީލް އާއި އުމަރު ޕޮލިޓިކަލް އެޑުވައިޒަރުގެ މަގާމަށް ހަމަޖެއްސިކަން ގާސިމް އިބްރާހިމް އިއުލާން ކުރެއްވީ ވީޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި ގާސިމް ވިދާޅުވީ އެ ދެ ބޭފުޅުން އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު ކަމަށް ހަމަޖެއްސެވިކަން ދަންނަވަން ބޭނުންފުޅުވާ ކަމަށެވެ. ޑރ. ޖަމީލް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް މި މަހުގެ ދެވަނަ ދުވަހު ޖަރުމަނުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ޖަމީލް އާއި އުމަރު ނަސީރު ޖޭޕީއާ ގުޅިވަޑައިގަތުމުން އެކަން ފާހަގަކޮށް އެ ދެ ބޭފުޅުންނަ ޝުކުރު އަދާކޮށްފައެވެ. އުމަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. ނަމަވެސް ޖޭޕީން އިދިކޮޅު އެމްޑީޕީއާ އެކު ކުރަމުންދާ މަސައްކަތްތަކަށް އުމަރު އަންނަނީ ދޭތެރެ ދޭތެރެއިން ފާޑުވިދާޅުވެ އެމްޑީޕީއާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އުމަރަކީ މީގެކުރިންވެސް ޖުމްހޫރީ ޕާޓީގައި އުޅުއްވި މެމްބަރެކެވެ. އުމަރު ޕީޕިއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައި ނުގަތުމުން ޖޭޕީއާ ގުޅިވަޑައިގަތެވެ. އަދި އެޕާޓީގެ ސްލޮޓެއްގައި އުމަރު މި ސަރުކާރުގެ ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އެވެ. ހޯމް މިނިސްޓަރު ކަމުން އުމަރު އިސްތިއުފާ ދެއްވީ ޕީޕިއެމްގައި އުފެދުނު "ކޯޅިގަނޑު"ގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ