ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭނީ ދައުލަތުން: މައުމޫން

ދައުލަތުގެ ބެލުމުގެ ދަށުގަައި ތިބޭ މީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދެން ޖެހެނީ ދައުލަތުން ކަމަށާއި ބޭސް ފަރުވާ ކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްވެސް ލިބެން ޖެހޭ ހައްގެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ޓްވިޓާ މެދުވެރިކޮށް ރައީސް މައުމޫން މިހެން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް އެދި ޝޯސިއަލް މީޑީއާގައި ކުރިއަށްގެންދާ ކެމްޕެއިންގެ "ހޭޝް ޓެގް" ބޭނުން ކުރައްވައިގެންނެވެ. އެމަނިކުފާނު ވިދާޅުވީ ބަލިވެއްޖެނަމަ ޝިފާ ހޯދުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށާއި އެމީހަކީ ދައުލަތުގެ ބެލުމުގެދަށުގައި ހުރި މީހެއްނަމަ އެމީހަކަށް ބޭސް ފަރުވާ ފޯރުކޮށްދޭން ޖެހޭނީ ދައުލަތުން ކަމަށެވެ. ރައީސް މައުމޫން މިވީހާ ދުވަހު އަދީބުގެ އެއްވެސް ކަމަކާގުޅޭ ގޮތުން ވާހަކަފުޅު ނުދައްކަވައެވެ. ނަމަވެސް މިއަދު އެމަނިކުފާނު އެގޮތަށް ޓްވީޓް ކޮށްފައިވަނީ އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި އިދިކޮޅު އިއްތިހާދުގެ ހުރިހާ ލީޑަރުން ކަންބޮޑުވުންފާޅު ކުރައްވާފައިވީ ނަމަވެސް ރައީސް މައުމޫން އެކަމުގައި ބަހެއް ވިދާޅުނުވާތީ މީސް މީޑީއާގައި ފާޑު ކިޔުންތައް އަމާޒުވެފައިވަނިކޮށެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް މީސް މީޑީއާގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ޅ. ހިންނަވަރު ނައިލޯނުގެ، އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ވެސް ވަނީ ރައީސް މައުމޫނަށް އެކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް އެދި އެމަނިކުފާނު ހުށަހަޅުއްވާފައިވާ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސިވިލް ކޯޓުގައިވަނީ މީގެ ކުރިން އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ