"އޮޕަރޭޝަން ބްލޫ ވޭވް 2018" ފަށައިފި

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތީޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން ރަސްމީކޮށް ފަށައިފިއެވެ.ފުލުހުން ބުނީ އޮޕަރޭޝަން ބްލޫ ވޭވް 2018ގެ ނަމުގައި ކުރިއަށްގެންދާ އެ އޮޕަރޭޝަނަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ސުލްޙަވެރިކަމާ އަމާންކަން ދެމެހެއްޓުމަށްޓަކައި އެ މުއައްސަސާއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުން މިހާރު ރަށްތަކަށް ގޮސްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.އެ އޮޕަރޭޝަން ފައްޓަވައިދެއްވާ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަކީ މުހިންމު ދަޢުރެއް އަދާކުރާ ބަޔަކަށްވުމާއެކު ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންކަން ސުލްޙަވެރިކަމާއި އަމާންކަމާއެކު ނިންމާލުމަށް ހުރިހާ ކޮމާންޑަރުންވެސް އަޒުމް ކަނޑައެޅަން ޖެހޭ ކަމަށެވެ. އަދި އެ އޮޕަރޭޝަނާއެކު ފުލުހުންގެ މަސައްކަތްތަކަށް ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވައި، މަސައްކަތްތަކުގައި ހުރަސްތަކާއި ކުރިމަތިވި ނަމަވެސް ހިތްވަރާއެކު މަސައްކަތްކުރުމުގައި ސާބިތުވެ ތިބުމަށް ނަވާޒް ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ.އޮޕަރޭޝަން ފެއްޓެވުމަށް ބޭއްވި ބައްދަލުވުމުގައި އޮޕަރޭޝަން ބްލޫ ވޭވްގެ ކޮމާންޑަރު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ވީޑިއޯ ކޯލް މެދުވެރިކޮށް ޕޮލިސް ޑިވިޜަންތަކުގެ ކޮމާންޑަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ