ބިލެއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު މުބީންގެ އަނބިކަނބަލުން އައިޝަތު މަމްދޫހާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން ހާމަކޮށްފިއެވެ.
މަމްދޫހާއަކީ ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ކައުންސިލް މެމްބަރެކެވެ. ކުރިން އެމްޕީޑީގެ މެންބަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވި މަމްދޫހާ މިއަދު ވަނީ އިބޫއާ އެކު ނަންގަވާފައިވާ ފޮޓޯއެއް މީސް މީޑިއާގައި އާންމު ކުރައްވައިފައެވެ.
މަމްދޫހާ ފޭސްބުކްގައި ޖެހި ޕޯސްޓެއްގެ ޒަރިއްޔާއިން އިބޫ އާއި ފައިސަލްއަށް އޭނާ ތާއިދުކުރައްވާކަން ހާމަވާފަދަ މޭރުމަކުން ވާހަކަދައްކާފައެވެ. އަދި މިއަދު އޭނާ ވަނީ އިބޫ އާއި ފައިސަލްއަށް ވޯޓު ދެއްވަންވީ ކީއްވެކަންވެސް ހިއްސާކޮށްފައެވެ.
"އިބޫ އާއި ފައިސަލް ވެގެން ނޫން ވޯޓު ދެއްވަންވީ. މި ގައުމަށްޓަކައި. އިންސާފަށްޓަކައި. ހަމަހަމަކަން ބޭނުންވާތީ. ދަރިންނަށްޓަކައި" މަމްދޫހާ ވިދާޅުވިއެވެ.
މަމްދޫހާ އޭގެ ފަހުންކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާއަށް ޕާޓީއެއްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިނުގަތަސް، އެތައް ބައެއްގެ ހައްގަކަށް އަރައި ނުގަންނާނެ ކަމަށެވެ.
މަމްދޫހާ އަންނަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މީސް މީޑިއާ މެދުވެރިކޮށް ސަރުކާރުގެ އެކި ކަންތައްތަކާއި މެދު ހިތްހަމަޖެހި ވަޑައިނުގަންނަވާކަން ހާމަކުރައްވަމުންނެވެ.
އެމްޑީއޭގެ ކައުންސިލް މެމްބަރަކު އިބޫ އަށް ތާއީދު ކުރައްވަން ނިންމެވިއިރު އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ދާދިފަހުން ވަނީ ފެތުރިގެން ގޮސްފައެވެ. ނަމަވެސް އެ ވާހަކަތައް ޕީޕީއެމް އިން ވަނީ ދޮގުކޮށްފައެވެ.
އެގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަން އޮތީ ވަރަށް ބަދަހިކަމާ އެކު މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި ދެ ޕާޓީގެ ކޯލިޝަން ބައްދަލުވުންތައް ވެސް ބަރާބަރަށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
އަދި އެމްޑީއޭގެ ލީޑަރު ސިޔާމް އަކީ ރައީސް ޔާމީންގެ ވަފާތެރި އެކުވެރިއެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
މެމްބަރު މުބީންގެ އަނބިކަނބަލުން އިބޫއަށް ތާއިދު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ